ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Abdul Matheen Mohamed

ޕްރޮފައިލް

ރ. ހުޅުދުއްފާރަށް އުފަން އަބްދުލްމަތީން މުހައްމަދުގެ އާއިލާ ބޮޑެވެ. މުހައްމަދު އަލީ އާއި ފާތުމަތު ޔޫސުފަށް ލިބުނު 10 ކުދިންގެ ތެރެއިން ހަ ވަނަ ބޭފުޅަކީ މަތީން އެވެ. ޒަމާނުއްސުރެ، ބޭސްވެރިކަމާއި މަސައްކަތްތެރިކަމާއި ރަށާއި އަތޮޅު ފެންވަރުގެ ހިދުމަތްތަކާއި ގައުމީ ހިދުމަތުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިން މަތީންގެ އާއިލާގައި ހިމެނެ އެވެ.

މަތީން އަކީ އިލްމީ ބޭފުޅެކެވެ. އެކި ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވެ އެވެ. ސަރުކާރުގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވި އެވެ. އޭނާ އެންމެ ފަހުން ރައްޔިތުންގެ މަޖިލިހަށް ނުކުމެވަޑައިގަތީ، ސިޔާސީ ގޮތުންނާއި އެހެން ދާއިރާތަކުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، ދާއިރާއަށް ޚިދުމަތްކުރެއްވުމަށެވެ.

އުފަން ރަށުގެ އެދުރުންނާއި މުދައްރިސުންގެ ގާތުން ފެއްޓެވި ތައުލީމީ ހަޔާތް ކުރިއަށް ގެންދެވުމަށް ޅަ އުމުރުގައި މާލެ ވަޑައިގެން ވެންނެވީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ އަށެވެ. އަރަބި އިސްލާމީ ތަޢުލީމުގެ ބިންގަލުގެ މަތީގައި މައުހަދުގައި ތައުލީމު ހާސިލްކުރައްވަމުން ގެންދަވަނިކޮށް ގަތަރުން ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައި ސާނަވީ ތައުލީމު ފުރިހަމަކުރެއްވީ ސައިންސްގެ ދާއިރާއިންނެވެ. ގަތަރުގައި ސާނަވީ ތައުލީމު ފުރިހަމަ ކުރައްވާ ނިންމެވި އަހަރު އެ އިމްތިހާންގެ ހެދި ދަރިވަރުންގެ ތެރެއިން ދެ ވަނަ ހާސިލުކުރެއްވި އެވެ.

އޭގެ ފަހުން ޔުނިވަސިޓީ ތައުލީމު ކުރިއަށް ގެންދެވީ ބަހްރައިން ސަރުކާރުގެ ސްކޮލަޝިޕެއްގައި ޔުނިވަސިޓީ އޮފް ބަހްރައިންގައި އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާ އިންނެވެ. ޔުނިވަސިޓީގައި ފުރަތަމަ ޑިގްރީ ނިންމެވި އަހަރު އެ ޕްރޮގްރާމްގެ ދަރިވަރުންގެ ތެރެއިން ދެވަނަ ހާސިލްކުރެއްވި އެވެ. ތައުލީމީ ހަރުފަތްތަކުގައި ކުރިއަށް ވަޑައިގެން މާސްޓާސް ޑިގްރީ ނިންމެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ބިލްޑިން ސާވިސަސް އިންޖިނިއަރިންގެ ދާއިރާއިން އިންނެވެ. މާސްޓާސް ޑިގްރީ ނިންމެވީ މުޅި ކޯހުން އެއްވަނަ ހޯއްދަވައިގެންނެވެ. މަތީންގެ މާސްޓާސް ޑިގްރީ ހާއްސަ ކުރެއްވީ އިމާރާތްތަކުގައި ހަކަތަ ސަމަކާރަ ކުރުމަށާއި، ސާފު ހަކަތަ ބޭނުންކުރުމުގެ މައްޗަށެވެ.

މަތީންއަކީ އިނގިރޭސިބަހާއި އަރަބިބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

ތައުލީމީ ގޮތުން ރަން ވަނަތަކެއް ހާސިލްކުރެއްވުމަށް ފަހު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ މަތިވެރި އަޒުމުގައި މަތީން އެންމެ ފުރަތަމަ އުޅުއްވީ 1998 ގައި ސްޓެލްކޯގެ އިލެކްޓްރިކަލް އިންޖިނިއަރެއްގެ ވަޒީފާގަ އެވެ. އެ ދުވަސްވަރު މާލެ އާއި ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ގާއިމްކުރުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނީގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ.

ސްޓެލްކޯ އިން ވަކިވެވަޑައިގަތުމަށް ފަހު މާސްޓާސް ޑިގްރީ ނިންމަވައި ހިދުމަތް ކުރައްވަން ފެއްޓެވީ، ނޮދަން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އެ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ކުރި މަސައްކަތުގައި އެ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި އެއް ބޭފުޅަކީ ވެސް މަތީން އެވެ.

އިންޖިނިއަރިން ދާއިރާގައި ކޮންސަލްޓަންޓެއްގެ ގޮތުގައި 2010 އިން ފެށިގެން މަސައްކަތް ކުރެއްވުމަށް ފަހު 2012 ގައި ހަވާލުވެވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާ އެވެ. ރާއްޖޭގެ ސާފު ހަކަތައިގެ ދާއިރާ އާއި ފެނާއި ނަރުދަމާގެ ހިދުމަތް ތަރައްގީކޮށް، ކުރިއެރުވުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ސްޓޭޓް މިނިސްޓަރު ކަން ހަތް އަހަރު ކުރެއްވުމަށް ފަހު އަނެއްކާ މިހާރު މަސައްކަތްކުރައްވަނީ އިންޖިނިއަރިން ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ދުވަހު ސާފު ހަކަތަ އާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ތަރައްގީ ކުރުމުގައި ސަރުކާރުން ހޯދި ކާމިޔާބީތަކުގެ އެއް ހިއްސާދާރަކީ މަތީން އެވެ. ތިމާވެއްޓާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން މި ދާއިރާ ބެލެހެއްޓެވީ ވެސް އޭނާ އެވެ. މި މަސައްކަތްތައް ރާވައި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމުގައި އުޅުނު ޓީމުގެ އިސް ލީޑަރަކީ ވެސް އޭނާ އެވެ.

ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް މަތީންގެ ހިދުމަތް އޮތީ ފޯރައިފަ އެވެ. ރ. ހުޅުދުއްފާރުގެ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު އަދި ރ. އުނގޫފާރުގެ ފެނުގެ ނިޒާމާއި މާކުރަތުގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިތުރުން، އުނގޫފާރުގައި ރައްޔިތުންނަށް ކަރަންޓު ދޭން މިހާރު ބޭނުން ކުރާ އަވިން ހަކަތަ އުފައްދާ ނިޒާމު ބޭރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރީ މަތީންގެ ބެއްލެވުމުގެ ދަށުންނެވެ.

ގައުމަށް ހިދުމަތް ކުރެއްވުމަށް މަތީނަށް ލިބިވަޑައިގެންނެވި 20 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގިނަ ދަތުރުތަކެއް ކުރައްވައި، ރާއްޖޭގެ ހާލަތު ގާތުން ތަޖުރިބާ ކުރެއްވި އެވެ. އަދި ރާއްޖެ އިން ބޭރުގައި ބޭއްވި ދުނިޔޭގެ ފެންވަރުގެ ޖަލްސާތަކުގައި ރާއްޖެ ތަމްސީލްކުރެއްވި އެވެ.

މަތީން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ދައުލަތުގެ ހުރިހާ ބާރުތަކެއް އެއްބައެއްގެ އަތްމައްޗަށް އަރައި، ބާރުތައް މަސްހުނިވެ، ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިވާނެ އެވެ. އެހެންކަމުން އެއީ "ހެޔޮ ވެރިކަމެއްގެ ސިފަ ގެއްލިގެންދާނެ ކަމެއް" ކަމަށް އޭނާ ވިދާޅުވެ އެވެ. އެހެންކަމުން ގައުމީ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނީ ސަރުކާރުން ކުރާ ރަނގަޅު ކަންކަމުގައި އެހީތެރިވެ އެއްބާރުލުންދީ އަދި ސަރުކާރުން ކުރާ ގޯސް ކަންކަމާ ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވޭނެ މިނިވަން މެމްބަރުންނަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މަތީން ވިދާޅުވި ގޮތުގައި މަޖިލިހަށް އޭނާ އިންތިހާބުވެވަޑައިގެންފި ނަމަ، މަސައްކަތް ކުރައްވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަން ދެއްވައިގެންނެވެ. ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެއްވަން އޭނާ ހުންނެވީ އަތުކުރި އޮޅާލައްވައިގެންނެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"މަޖިލިހުގެ އިންތިހާބުގައި ވޯޓުލާނެ މީހަކު ނިންމަން ވާނީ ތައުލީމާއި ގައުމީ ހިދުމަތުގެ ތަޖުރިބާ އަށް ބަލައިގެން. ކޮރަޕްޝަނާއި ފަސާދަ އިން ސަލާމަތްވެފައިވާ ނަޒާހަތްތެރި މަޖިލިހެއް އެކުލަވާލެވޭނީ އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ ނަޒާހަތްތެރިކަން ދަމަހައްޓައި މަޖިލިހަށް ރައްޔިތުން ފޮނުވާ މީހުންނަކީ ނަޒާހަތްތެރި މީހުންނަށް ހެދުމަށް ރައްޔިތުން ހާއްސަ ސަމާލު ކަމެއް ދީގެން،" މަތީން ވިދާޅުވި އެވެ.

އޭނާއަކީ ނަޒާހަތްތެރި ބޭފުޅެއް ކަން ކަށަވަރުކޮށް ދެއްވުމުގެ ބޭނުމުގައި މަތީން ހުންނެވީ ކޮންމެ އަހަރަކު އެއް ފަހަރު މާލީ ބަޔާން ހާމަކުރައްވަން ތައްޔާރަށެވެ. އަދި މަޖިލިހުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް އަހަރަކު އެއް ފަހަރު ދާއިރާގެ މީހުން އެއްކޮށް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމަވައިފަ އެވެ.

މަތީން ގަބޫލްކުރައްވާ ގޮތުގައި އަމިއްލަ ގޮތުން މަޖިލިހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އެހެން ޕާޓީތަކަށް ބަދަލުވުމުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދެ އެވެ. އެހެންކަމުން އޭނާ ދެއްވާ ޔަގީންކަމަކީ "ތަރައްގީގެ ފިކުރާއި ގައުމާއި ރައްޔިތުންގެ މަސްލަހަތުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ދައުރު ހަމަކުރާނެ" ކަމެވެ.

މަޖިލިހުގެ ފަސް އަހަރުގެ ދައުރުގައި ދާއިރާގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށާއި އިޖުތިމާއީ ދުޅަހެޔޮކަން މަތިކުރަން ގުޅިގެން މަސައްކަތް ކުރައްވައި، މަޖިލިހުން ކަންކަން ނިންމުމުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީ އަށް އިސްކަން ދިނުމަށް އަބަދުވެސް ބާރު އެޅުއްވުމަކީ މަޖިލިހުގެ މަސައްކަތުގެ އަމާޒެއް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

އުފަންވެ ވަޑައިގެންނެވީއްސުރެ، މަތީން އާއި އުނގޫފާރު ދާއިރާއާ ދެމެދު ވަރަށް ބޮޑު ގުޅުމެއް ވަނީ އުފެދިފަ އެވެ. އެކަން އެ ދާއިރާ އަށް ގެނެސްފައި އޮތް ތަރައްގީ އަށް އެކަނި ބެލިޔަސް ހާމަވެ އެވެ. އެހެންވެ، މަތީންގެ އެންމެ ބޮޑު އެދުމަކީ މިއެވެ؛ ދާއިރާގެ ރައްޔިތުން ވިސްނަން ޖެހޭ އެއް ކަމަކީ އިތުބާރު ކުރެވޭ މީހާ އަށް ވޯޓުލުމެވެ. ވޯޓުލުމުގައި ކުލައަކަށް ނުވަތަ ފިކުރަކަށް ބެލުމުގެ ބަދަލުގައި ވޯޓު ދޭން ޖެހެނީ ނަޒާހާތްތެރި އިހުލާސްތެރި މީހާއަށެވެ.

މަޖިލިހަށް އިންތިހާބު ކުރަން ޖެހޭނީ ގާބިލް، ތެދުވެރި، ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ، މަތީން ވަނީ މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވިއިރު މާޒީގައި މާލީ ބަޔާން ހާމަނުކުރައްވާ ކެންޑިޑޭޓުންނަށް އިތުރު ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

"އެ މެމްބަރުންނަށް ފުރުސަތު ދީފި ނަމަ، ރައްޔިތުން ބޭނުންވާ އިސްލާހީ ބަދަލެއް މަޖިލިހަކަށް ނާންނާނެ. މަޖިލިސް އިސްލާހުކޮށް ހެޔޮ ބަދަލެއް ގެނެވޭނީ އިތުބާރުކުރެވޭ އާ ބަޔަކަށް މަޖިލީހުން ޖާގަ ދީގެން،" މަތީން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ބައެއް މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާއިރު އެފަދަ މީހުން އެއްފަރާތް ކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެވެ.

ދާއިރާގެ ރަށްރަށުގައި ކުރަން ހުރި އަސާސީ ކަންކަމާއި ރައްޔިތުން ކުރަން ބޭނުންވާ ވަރަށް ކުދިކުދި ކަންކަން ވެސް ނުކުރެވި އެތައް އަހަރެއް ވެގެންދާ ތަން ދާއިރާގެ ރަށްރަށުން ފެންނަން ހުރި ކަމަށް މަތީން ވިދާޅުވި އެވެ. މިކަންކަމަށް ހައްލު ހޯއްދަވައިދެއްވަން ދައުލަތުގެ އަހަރީ ބަޖެޓަށް ވޯޓު ދެއްވުމުގެ ކުރިން ދާއިރާއާ މަޝްވަރާކުރައްވާނެ ކަމަށް މަތީން ވިދާޅުވެ އެވެ. މި މަޝްވަރާތަކުގައި ޒުވާނުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިކުރަން އިސްކަން ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.

އެހެން ކެންޑިޑޭޓުންނާ ހިލާފަށް މަތީންގެ ވިސްނުން ތަފާތެވެ. ދާއިރާ ތަމްސީލް ކުރެއްވުމުގެ ފުރުސަތު ދޭން ޖެހޭނީ އެ ދާއިރާއެއް އެނގޭ، ގާބިލް އަދި ތައުލީމީ މީހުންނަށެވެ. މަތީން ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުންގެ ވިންދާއި އިހްސާސް އެނގޭނީ އެ ދާއިރާއަކަށް ނިސްބަތްވާ މީހަކަށެވެ. އެހެންކަމުން މަޖިލިހުގައި ރައްޔިތުންގެ ފަރާތުން ބަސް ބުނުން އެންމެ އައުލާކަން ބޮޑީ އެ ދާއިރާގެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަމާނީ ޑިމޮކްރަސީއާ އެންމެ ރައްޓެހި ގޮތަކީ ދާއިރާގެ ރައްޔިތަކު ދާއިރާގެ މަޖިލިސް ގޮނޑީގައި އިނުން،" މަތީން ވިދާޅުވި އެވެ.

އޭނާ ދެއްވާ ޔަގީން ކަމަކީ މި އެވެ: އުނގޫފާރު ދާއިރާގެ ރައްޔިތުން ވޯޓު ކަރުދާހުގެ ނަންބަރު އެކެއްގައި ޖަހާ ފާހަގައިގެ ސަބަބުން ރައްޔިތުންނަށް މާޔޫސްކަމެއް ކުރިމަތިނުވެ، ދާއިރާއަށް ރޯޝަންކަމާއި ފާގަތިކަން ގެނެސްދެއްވުމެވެ.

Featured Candidates