އަހުމަދު ޒާހިރުގެ ތައުލީމީ ހަޔާތުގެ ބޮޑު ބައި ހޭދަކުރެއްވީ ސްރީ ލަންކާގައި ނަމަވެސް އޭނާ ވަނީ އުފަން ރަށް ގދ. ގައްދޫ ސްކޫލުން ގްރުއާން އާއި ދީނީ ކަންކަން ދަސްކުރައްވައިފަ އެވެ. އޭގެ ފަހުން އުމުރުން ހަތް އަހަރުން ފެށިގެން 24 އަހަރު ފުރެންދެން ކިޔަވާ ވިދާޅުވުމަށް ސްރީ ލަންކާގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ ބިޒިނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ހާސިލް ކުރައްވައިގެންނެވެ. ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) ގެ ދަރިކަލުން ވަނީ ބައްޕަގެ ވިޔަފާރީގައި އުޅުއްވަމުން އަމިއްލަ ވިޔަފާރި ވެސް ކުރައްވައިފަ އެވެ. ދިރާގުގެ އައިޕީ އެންޑް ޑޭޓާ ޕްރޮޑަކްޓް މެނޭޖަރުގެ މަގާމު ފަސް އަހަރު ވަންދެން އަދާކުރެއްވި އެވެ. އެމްޑީޕީގެ ވެރިކަމުގައި އުފެއްދި ސްޓޭޓް ސެކްރެޓަރީގެ މަގާމުގައި ތިނަދޫގައި ހުންނަވައިގެން ހުވަދު އަތޮޅަށް ޚިދުމަތްކުރެއްވި އެވެ.
ސިޔާސީ ކަންކަމުގެ ތެރެއަށް އަހުމަދު ޒާހިރު ވަދެވަޑައިގެންނެވީ 1991 ގައި އޭނާގެ ބައްޕަ ރައްޔިތުން މަޖިލީހުގެ ހުވަދޫ ގޮނޑިއަށް ކުރިމަތިލައްވައި ކެމްޕޭން ފެއްޓެވި ހިސާބުންނެވެ. އުމުރުން 18 އަހަރުގައި ވެސް އޭނާ ދިޔައީ ސިޔާސީ ކަންކަމާ މެދު ވިސްނަވަމުންނެވެ. އޭގެ ފަހުން 2008 ގައި އެމްޑީޕީއާ ގުޅިވަޑައިގެން އެ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. އޭގެ ފަހުން ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް އެމްޑީޕީއަށް ކާމިޔާބު ހޯދައިދޭން އިސް ސަފުގައި، ބުރަކޮށް އުޅުއްވި އެވެ. އޭނާއަކީ އެމްޑީޕީގެ ގައްދޫ ދާއިރާގެ ރައީސް އެވެ.
އަހުމަދު ޒާހިރުގެ ނަޒަރުގައި އޭނާއަކީ "އަބަދުވެސް ދާއިރާގެ ރައްޔިތުންގެ ޚިދުމަތްތެރިއެކެ"ވެ. ގައްދޫ ދާއިރާގެ ރައްޔިތުންނާ ގިނަގިނައިން ބައްދަލުވުމަކީ ލިބިވަޑައިގަންންވާ އުފަލެއް ކަމަށް ދެކެވަޑައިގަނެ އެވެ. މީގެ އިތުރުން ދާއިރާގައި ހިންގާ ކުޅިވަރު އަދި އެނޫން ވެސް އިޖްތިމާއީ ހުރިހާ ކަމަކަށް އޭނާގެ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެއްވަ އެވެ.
"އަޅުގަނޑުގެ ކޮރަޕްޝަނެއް، ޖީބު ބޮޑު ކުރުމެއް ދުވަހަކު ވެސް ނޯންނާނެ،" ޒާހިރު ވިދާޅުވި އެވެ.
ދާއިރާގެ ރައްޔިތުންނަށް އޭނާ ވިދާޅުވަނީ "އަޅުގަނޑު މަޖިލީހަށް ކުރިމަތިލީ ދާއިރާގެ މައްސަލަތައް ދިރާސާކޮށް، އެކަންކަން އެނގި ހައްލު ހޯދައިދޭން" ކަމަށެވެ. އޭނާ ޕްރޮމޯޓް ކުރައްވަނީ ސުލްހަ، ލޯބި އަދި ތެދުވެރި ކަމެވެ.