ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ތައުލީމް ހާސިލްކުރެއްވުމަށް ފަހު ނަސްރުﷲ އިސްމާއީލް އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޓޫރިޒަމް އިންޑަސްޓްރީގަ އެވެ. އެ މަސައްކަތުގައި އުޅުއްވި އިރު އޭނާ ވަނީ އެކި ރިސޯޓްތަކުގެ މަތީ ފެންވަރުގެ ވަޒީފާތައް އަދާކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލަ ރަށް ހދ. ކުޅުދުއްފުއްޓަށް ބަދަލުވެވަޑައިގެން ރަށަށް ޚިދުމަތް ކުރައްވަން ފައްޓަވައިފަ އެވެ.
ނަސްރުﷲ އިސްމާއީލް ސިޔާސީ މަސައްކަތުން އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ. އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ފެނުނީ ސިޔާސީ ގޮތުން ހަރަކާތްތެރިކޮށެވެ. އަދި 2012 ގައި ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު ލިބިވަޑައިގަތެވެ. އެވެ. ހަމަ އެ އަހަރު ޖޭޕީއާ ގުޅިވަޑައިގެން އޭނާ ވަނީ 2014ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ވާދަކުރައްވައިފަ އެވެ.
ނަސްރުﷲ އިސްމާއީލް އަކީ ޒުވާނުންނާ ގުޅުން ބޮޑު އަދި އާއްމުކޮށް ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ރަށު ފެންވަރުގައި ބާއްވާ އިޖްތިމާއީ ހުރިހާ ހަރަކާތްތަކެއްގައި ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިގޮތުން ޒުވާނުން ބާއްވާ ކުޅިވަރު ހަރަކާތްތަކާއި އީދު ކުޅިވަރު ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި އޭނާ އެހީތެރިކަން ދެއްވަ އެވެ.
"މަޖިލީހުގައި އަޅުގަނޑު ނިސްބަތްވާ ދާއިރާގެ ހައްގުގައި މިދިޔަ ދުވަސްތަކުގައި ވަކާލާތުކުރެވިފައެއް ނެތް،" މިއީ ނަސްރުﷲ ގެ ފުރަތަމަ މެސެޖެވެ.
"މި ދާއިރާ އަށް ހައްގު މިންވަރު ލިބިފައެއް ނެތް. އަޅުގަނޑު މި ނުކުތީ ރަށާއި އަތޮޅުގެ ހައްގުގައި އެ ކަންކުރުމަށް. އާއްމުކޮށް މުޅި ރާއްޖޭގެ ހާލަތު ބަދަލުކުރަން މަޖިލިސް ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި."