އައްޑު އަތޮޅު ހިތަދޫގެ ބޮޑު އާއިލާއަކަށް އުފަން ހުސައިން ސޯލިހު ގިނަ ބަޔަކު ދަންނާނީ ހުނަރުވެރި މަސައްކަތްތެރިއެއްގެ ގޮތުންނެވެ. އޭނާ އަކީ ބޯޓު ފަހަރުގައި ނެވިކަން ކުރެއްވި މާލިމީއެކެވެ. އައްޑު އާއި މާލެއާ ދެމެދު އޭރު ތިން ހަތަރު ދުވަހުން ކުރާ ދަތުރު 48 ގަޑިއިރުގެ ދަތުރަކަށް ކުރުކޮށްލީ ހުސައިން ސޯލިހުގެ މަސައްކަތުން އޭނާގެ "ހިތްވަރު" ބޯޓެވެ. އެމްޓީސީސީގައި މަސައްކަތް ކުރެއްވި އިރު ތެޔޮ ގުރާބުގައި އޭނާގެ ކެޕްޓަންކަމުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ދަތުރު ކުރައްވައިފަ އެވެ. މަސްވެރިކަމަށް ބޮޑެތި އުޅަނދުތައް ކަނޑަށް ނެރުއްވި ބޭފުޅުންގެ ތެެރޭގައި ހުސައިން ސޯލިހް ހިމެނިވަޑައިގަންނަވަ އެވެ.
ހުސައިން ސޯލިހުގެ ސިޔާސީ ހަޔާތް ފެށިގެން އައީ ޑީއާރުޕީގެ ތެރެއިންނެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު އިރު އައްޑޫގައި އެމްޑީޕީގެ ސަޕޯޓް އޮތް މިންވަރުން އެއީ ޑީއާރުޕީ އަށް އަރަން ކެރޭވަރު ތަނަކަށް އޮތީ ނުވެފަ އެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު އައްޑުއަށް އަރުއްވާ ޑީއާރުޕީގެ ހަރަކާތްތައް އައްޑޫގައި ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ހުސައިން ސޯލިހެވެ. އޭގެ ފަހުން ޑީއާރުޕީ ދެ ބައިވެ އެ ޕާޓީގެ ހަރަކާތްތައް ހުއްޓުމުން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ އެވެ. އޭނާ ވަނީ 2014 ގެ މަޖިލިސް އިންތިޚާބުގައި ވެސް ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވައިފަ އެވެ. އޭގެ ކުރިން ޑީއާރުޕީ ޓިކެޓުގައި އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބަށް ވެސް ނުކުންނެވި އެވެ.
އައްޑު އަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީގައި ހުންނަވާ އެއް ބޭފުޅަކީ ހުސައިން ސޯލިހެވެ. ފެން ބޮޑުވުމުގެ ހާދިސާއެއް ދިމާވިޔަސް، އަލިފާނުގެ ހާދިސާއެއް ދިމާވިއަސް ރައްޔިތުންނަށް އަޅާލުމުގައި އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މިފަދަ ކޮންމެ ހާދިސާއެއްގައި ހުސައިން ސޯލިހުގެ ދީލަތިކަން ރައްޔިތުން ވަނީ ތަޖުރިބާކޮށްފަ އެވެ. މަސްވެރިކަމަށް އޭނާ ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން 2007 ގައި އާއްމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންނެވި އެވެ.
"އައްޑޫގެ ތަރައްގީގެ މަސައްކަތުގައި ކުލަޔަކަށް، ފިކުރަކަށް ސިޔާސީ މަސްރަހު އޮތް ގޮތަކަށް ބެލުމެއް ނެތި އެންމެ ކުރީގައި ހުންނާނަން،" ހުސެން ސޯލިހު ވިދާޅުވި އެވެ.
"ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްގީގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި އެންމެ ފުރިހަމަ އެއްބާރުލުން ދޭނަން. ދާއިރާގެ ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު އެންމެ ގާތުގައި ހުންނާނީ އަޅުގަނޑު."