ށ. މިލަންދޫ ސްކޫލުގެ ހިސާބު ޓީޗަރެއްގެ ވަޒީފާ އިން 2005 ގައި ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވި އިބްރާހިމް މަންސޫރު ވަނީ ރާއްޖޭގެ އެކި ސްކޫލްތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އަމީނިއްޔާ ސްކޫލާއި ހުޅުމާލޭގައި ހިންގާ ގާޒީ ސްކޫލް ހިމެނެ އެވެ. ތައުލީމީ ދާއިރާއާ 2015 ވަނަ އަހަރު ދުރަށް ޖެހިވަޑައިގެންނެވި އިރު ހުންނެވީ މެޕްސް ކޮލެޖުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޑިޕްލޮމާ އޮފް ޓީޗިން އަދި ޑިޕްލޮމާ އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.
އިބްރާހިމް މަންސޫރު ވަނީ މިލަންދޫ ކުޑަ ކަތީބުކަމުގެ މަގާމު 2008 އިން ފެށިގެން ދެ އަހަރުގެ މުއްދަތަށް އަދާކުރައްވައިފަ އެވެ.
ސިޔާސީ ދާއިރާ އަށް އަލުން ނުކުންނެވުމުގެ ޚިޔާލު އޭނާ ގެންގުޅުއްވަން ފެއްޓެވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެކަމަށްޓަކައި އޭނާގެ އަމާޒަކަށް ހެއްދެވީ ރައްޔިތުންގެ މަޖިލީހެވެ. އެ ފުރުސަތު މި ފަހަރު ހޯއްދަވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. އޭނާގެ ބޭނުމަކީ އަނެއްކާވެސް ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމެވެ.
އޭނާ ވަނީ މިލަންދޫ ޔޫތު މޫވްމަންޓުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އިޖުތިމާއީ ގޮތުން ރަށަށް ހިދުމަތްކުރައްވައިފަ އެވެ. އެ މުއްދަތުގައި މިލަންދޫގައި ބޭއްވި އިޖްތިމާއީ އަދި ޚާއްސަކޮށް ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގެވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
ދާއިރާގެ ރައްޔިތުންނަށް އިބްރާހިމް މަންސޫރުގެ މެސެޖަކީ "ތައުލީމީ، ގާބިލް ޒުވާނަކަށް މި ފަހަރު ފުރުސަތު ދެއްވުމެ"ވެ. އެއީ އަބަދުވެސް އާ މޫނަކަށް ފުރުސަތު ދޭ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.