އާދަމް މޫސާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ތައުލީމީ ދާއިރާގަ އެވެ. ރާއްޖޭގެ އެކި ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ މަސައްކަތުގައި އުޅުއްވި އިރު އުފަން ރަށް، އިހަވަންދޫ ސްކޫލްގައި ވެސް ވަނީ ޚިދުމަތް ކުރައްވައިފަ އެވެ.
ތައުލީމީ ދާއިރާ އިން މެލޭޝިއާ އިން މާސްޓާސް ޑިގްރީ ނެންގެވުމަށް ފަހު ވެސް އާދަމް މޫސާގެ އަމާޒަކަށް ވީ ރަށު ސްކޫލްގައި ޚިދުމަތްކޮށް ދެއްވުމެވެ. އެކަމަކު ރަށުން ފުރުސަތު ލިބިވަޑައިނުގަތުމުން އޭނާ ވަޑައިގެންނެވީ ށ. ފުނަދޫ ސްކޫލްގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލްގައި ދުވަސްކޮޅަކު ޚިދުމަތް ކުރެއްވުމަށް ފަހު ވަޑައިގެންނެވީ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށެވެ.
ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ވިސްނުން އައި ހިސާބުން އާދަމް މޫސާ ވަނީ އަމިއްލަ އަށް ޕްރިންސިޕަލްގެ މަގާމު ދޫކޮށްލައްވައިފަ އެވެ. ސްކޫލްގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަން ބޭނުން ނުވާތީ އެވެ. އަފީފުއްދީން ސްކޫލްގެ ހިސާބު ޓީޗަރެއްގެ މަގާމަށް ބަދަލުވުމަށް ފަހު އާދަމް މޫސާ، ޖުމްހޫރީ ޕާޓީއާ އެކު ސިޔާސީ ހަޔާތް ފެއްޓެވި އެވެ. އަމާޒަކީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އިހަވަންދޫ ދާއިރާ ތަމްސީލްކުރެއްވުމެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އާދަމް މޫސާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯދުމުގެ މަސައްކަތް ވެސް ކުރައްވައިފަ އެވެ.
އާދަމް މޫސާ ވަނީ މަޖީދިއްޔާ، ދަރުމަވަންތަ އަދި އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ ގޮތުގައި އެތައް ކުދިންނަކަށް ތައުލީމް އުނގަންނަވައި ދެއްވައިފަ އެވެ. އަދި އިހަވަންދޫގައި ހިންގި އިޖްތިމާއީ ބައެއް މަސައްކަތުގައި ވެސް އޭނާގެ ބައިވެރިވުން ބޮޑެވެ.
"މި މަސައްކަތަށް ނުކުތީ ވެސް ރިޝްވަތާއި ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލުމަށް. ރިޝްވަތެއްގައި އަޅުގަނޑު ނުޖެހޭނަން. އަދުލް އިންސާފު ގާއިމްކޮށް ދިނުމުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނަން،" އާދަމް މޫސާ ވިދާޅުވި އެވެ.