މުހައްމަދު ރަޝީދު ހުސެއިން ނުވަތަ އެކުވެރިންގެ ނަމުން ނަމަ ބިގޭ އަކީ ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެ އަށް ތައާރަފްކުރުމުގަޔާއި އިސްލާހީ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ދެގޮތެއް ނުވެ ހުންނެވި ބޭފުޅެކެވެ. ބިގޭ ފާހަގެވެގެން ދަނީ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ރައްޔިތުންނާ އެކު މަސައްކަތްކުރައްވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ މެމްބަރެއްގެ ގޮތުގަ އެވެ. ވޭތުވެދިޔަ ފަސް އަހަރު ހިންގި އިސްލާހީ މަސައްކަތުގައި ހިތްވަރާއި އަޒުމާއި ކެރުމާ އެކު ބިގޭ އުޅުއްވި އެވެ. ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ފުރަތަމަ ވެސް ތެދުވާ އެއް ބޭފުޅަކީ ބިގޭ އެވެ.
ބިގޭއަކީ އިސްލާހީ މަސައްކަތްތަކާއި ޒަމާނީ ޑިމޮރޮސީ ރާއްޖެ އަށް ގެންނަން 1985 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ބިގޭ ވަނީ ޕާޓީގެ އިސް މަގާމުތަކުގެ އިތުރުން ސަރުކާރުގެ ވެސް އިސް މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރ. އަތޮޅު ދާއިރާގެ ރައީސްކަމާއި އަލިފުށީ ދާއިރާގެ އެމްޑީޕީގެ ރައީސްކަން ހިމެނެ އެވެ. އެމްޑީޕީގެ ޝެޑޯ ކެބިނެޓުގެ ވަޒީރުކަން ވަނީ ކުރައްވައިފަ އެވެ. އެމްޑީޕީން 2008 ގައި ކާމިޔާބުކުރި ރިޔާސީ އިންތިޚާބުގެ އިލެކްޝަން އިންޗާޖަކީ ބިގޭ އެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މެންބަރުކަން 2008 ގައި ކުރައްވައިފަ އެވެ. އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. އަދި 2014ގެ އިންތިޚާބުގައި އަލިފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވި އެވެ.
ބިގޭ އަކީ އިޖުތިމާއީ ގޮތުން ގިނަ ޚިދުމަތްތަކެއް ދާއިރާ އަށް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ދާއިރާ އަށް ނިސްބަތްވާ ކުލަބް ޖަމާއަތްތަކުންނާއި ޒުވާނުން ބާއްވާ ކުޅިވަރު މުބާރާތްތަކާއި ގުރުއާން މުބާރާތްތަކަށް އަބަދުވެސް އެހީތެރިކަން ދެއްވަ އެވެ. އަދި އަމަލީ ގޮތުން ވެސް އެކަން ކަމުގައި އުޅުއްވަ އެވެ. މީގެ އިތުރުން ކައުންސިލްތަކާއި ކްލަބް ޖަމާއަތްތަކުން ހިންގާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ.
"އަޅުގަނޑަކީ ސާރުކާރުގެ ކެނޑިޑޭޓަށް ވުމުން އަލިފުށި ދާއިރާގައި ހިމެނޭ އަލިފުށްޓާއި، ވާދު އާއި، ރަސްގެތީމާއި އަދި އަނގޮޅިތީމު ތަރައްގީ ކުރުމަށް ސަރުކާރާ ގުޅިގެން ޝައްކެއް ނެތް މިންވަރަށް މަސައްކަތް ކުރާނަން،" ބިގޭ ވިދާޅުވި އެވެ.
އޭނާ ކުރައްވަން ރާވާފައިވާ ކަންކަމުގެ ތެރޭގައި އަލިފުށީ ދާއިރާގެ ރަށްތަކަށް ލޯކަލް ޓޫރިޒަމް ތައާރަފް ކުރަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އެހީތެރިކަމާ އެކު މަސައްކަތްކުރެއްވުން ހިމެނެ އެވެ.