އަހުމަދު ސަލީމް ނުވަތަ އެކުވެރިންގެ ނަމުން ނަމަ ސައްލެއަކީ އެންމެ ކުޑައިރުއްސުރެ ވެސް ތައުލީމަށް ލޯބިކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި އުފެދުނު މޮޅު ޅެންވެރިއެއް ކަމަށްވާ ހޯރަފުށީ އާދަމް ސަލީމުގެ ބޭފުޅެއް ކަމަށްވާ ސައްލެ ތައުލީމް ހާސިލްކުރެއްވީ އީޕީއެސްއެސް އާއި މަޖީދިއްޔާ ސްކޫލުގަ އެވެ. އޭގެ ފަހުން ސީއެޗްއެސްއީން އޭ ލެވެލް ނިންމެވުމަށް ފަހު މަތީ ތައުލީމަށް ވަޑައިގެންނެވީ ފިޖީއަށެވެ. ޔުނިވަސިޓީ އޮފް ސައުތު ޕެސިފިކް އިން ތިމާވެށީގެ އިލްމުން ފުރަތަމަ ޑިގްރީ ނެންގެވި އިރު މުޅި ކޯހުން އެއް ވަނަ ހޯއްދެވި އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ އަށް ރީތިނަން ހޯދައިދިން ފަރާތްތަކަށް ސަރުކާރުން ދިން ޚާއްސަ އިނާމު ސައްލެ އަށް ވަނީ ލިބިވަޑައިގެންފަ އެވެ. އިނގިރޭސިވިލާތުގެ ލަންކަސްޓާ ޔުނިވާސިޓީން މާސްޓާސް ހާސިލްކުރެއްވީ ޑިސްޓިންކްޝަންއާ އެކު އެވެ. ސައްލެ އަކީ ރެޖިސްޓާޑް އީއައިއޭ ކޮންސަލްޓެންޓެކެވެ. ސައްލެ ވަނީ ސަރުކާރު ގަބޫލް ކުރާ ފެންވަރަށް ފޮތް ލިޔުމުން ރައީސް ދެއްވާ ޚާއްސަ އިނާމު ވެސް ހޯއްދަވައިފަ އެވެ.
ސަރުކާރުގައި ސައްލެ އުޅުއްވީ ތިމާވެށީގެ ދާއިރާގަ އެވެ. އޭނާ ވަނީ އެންވަޔަރްމަންޓް ރިސާޗް ސެންޓަރުގެ ޑިރެކްޓަ ޖެނެރަލް ކަމާއި އެންވަޔަރްމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. ސައްލެ އަކީ މޯލްޑިކެއާ އަދި ރާއްޖެ ޓީވީގެ ކޯ-ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރެވެ.
ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ޓީވީ ޕްރެޒެންޓަރެކެވެ.