ހިތަދޫ އުތުރު ދާއިރާގެ މެމްބަރަކަށް މިދިޔަ 15 އަހަރު ވެސް ރައްޔިތުންގެ މަޖިލިހުގައި ހުންނެވި މުހައްމަދު އަސްލަމް ކިޔަވައި ވިދާޅުވީ، ތައުލީމީ އަދި މެނޭޖްމެންޓްގެ ދާއިރާއިންނެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ އަސްލަމަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ އިތުބާރު ކުރައްވާ އެއް ބޭފުޅާ އެވެ. ރައީސް ނަޝީދާއި އަސްލަމަކީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެންނެވި ހިސާބުން ފެށިގެން ވަރަށް ގާތް ދެބޭފުޅުންނެވެ.
އޭނާ ސިޔާސީ ހަޔާތް ފެއްޓެވީ 2005 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ އެކު އެވެ. އެ ފަހަރުގެ ނަތީޖާތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ ވޯޓު ހޯއްދެވީ އަސްލަމެވެ. އެ އިންތިޚާބު ކާމިޔާބު ކުރެއްވި އެންމެ ޒުވާން ބޭފުޅަކީ އޭނާ އެވެ.
އުމުރުން 35 އަހަރުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވަން ފެއްޓެވި އަސްލަމް ވަނީ 2005 ގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ދެ އިންތިޚާބު ވެސް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރައްވައިފަ އެވެ.
އަސްލަމް ވެފައި ވަނީ ޖޫން 23، 2005 ގައި އެމްޑީޕީ އުފެއްދުމަކާ އެކު، އެ ޕާޓީއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވި އެއް ބޭފުޅަކަށެވެ. މިހާތަނަށް އެއީ އެ ޕާޓީ އަށް ވަފާތެރި ޚިދުމަތްތެރި އެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހަވާލު ކުރެއްވުމާ އެކު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ އަސްލަމް ކަމަށް ކަނޑައެޅީ ޔަގީނުން ވެސް އެ ޕާޓީގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ އިތުބާރާއި ޔަގީންކަން އޭނާ އަށް އޮތީމަ އެވެ. ސިޔާސީ ގޮތުން އަސްލަމަކީ ދުރު ވިސްނޭ، ތަސައްރަފު ފުދިފައިވާ ބޭފުޅަކަށް ވާތީ އެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ.
މިދި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ނަޝީދު އިއުލާން ކުރެއްވުމަށް ފަހު އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކަށް އައްޔަން ކުރެއްވީ ވެސް އަސްލަމެވެ. ނަޝީދާއި އަސްލަމާ ދެބޭފުޅުންގެ އޮންނަ ގާތްގުޅުމުގެ ތެރެއިން ނަޝީދުގެ ކެމްޕެއިން މެނޭޖަރުގެ ބުރަ މަސްއޫލިއްޔަތު އަސްލަމް ވަނީ ވަރަށް ފުރިހަމަ އަށް އަދާކުރައްވައިފަ އެވެ.
އަސްލަމްގެ އިޖުތިމާއީ ޚިދުމަތް ފެށިފައި ވަނީ ސ. ހިތަދޫ ގައި މީގެ އެތައް އަހަރެއް ކުރިން އުފެއްދި އައްޑޫ ކޮމްޕްރިހެންސިވް ސްކޫލުންނެވެ. އެ ސްކޫލް ނަގައި ކޮޅަށް ޖެހުމުގެ އުނދަގޫ އުފުއްލެވީ ސީދާ އަސްލަމެވެ. ކޮމްޕްރިހެންސިވް ސްކޫލް ވެގެން ދިޔައީ އޭނާގެ ފަރާތުން ހިތަދޫގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުނު ބޮޑު ހަދިޔާ އަކަށެވެ. އެތައް އާއިލާ އަކަށް އެ ސްކޫލްގެ ފައިދާކުރި އެވެ.
އަސްލަމަކީ އައްޑު އަތޮޅު ކުރިއަރުވާ ކޮމިޓީގައި ހަތް އަހަރު އަދި ރަށް ކުރިއަރުވާ ކޮމިޓީގައި އަށް އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އަތޮޅުގެ ވެރިކަން ކުރާ ރަށުގައި ތިމާވެއްޓާއި އަތޮޅުގެ ތަރައްގީ އަށް އުފައްދާފައިވާ "މާވަހި" ޖަމިއްޔާގެ މަސްއޫލުވެރިކަން ވެސް އަސްލަމް ކުރެއްވި އެވެ.
ސިޔާސީ މަސައްކަތް ފެއްޓެވި ފަހުން އޭނާ ގެންދަވަނީ އައްޑޫގެ ތަރައްގީ އަށް އެކި ފެންވަރުގައި މަސައްކަތްތައް ކޮށްދެއްވަމުންނެވެ.
އަސްލަމް ވިދާޅުވާ ގޮތުގައި އޭނާ މި ފަހަރު ވެސް ރައްޔިތުންގެ މަޖިލިހަށް ވާދަކުރައްވަން ނިންމެވީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އޭނާގެ ތަޖުރިބާ އަދިވެސް ބޭނުންވާ ކަމަށް ގަބޫލު ކުރެއްވޭތީ އެވެ. އަބަދުވެސް ހަމަހަމަ ކަމަށް ލޯބިކުރައްވާ އަސްލަމް ވިދާޅުވީ އޭނާ ވަކާލާތު ކުރައްވާނީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށާއި އަނިޔާއާ ދެކޮޅަށް ކަމަށެވެ.
އައްޑޫގެ ތަރައްގީ އަށް މިސަރުކާރުން މިހާރު އެކުލަވާލާފައިވާ މަޝްރޫއުތަކަށް އެކަނިވެސް 400 މިލިއަން ޑޮލަރު އަރާއިރު އެ ކަންކަން ހަގީގަތަކަށް ހެދުމަށް މަޖިލިހުގެ ތެރެއިން އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަނެ އެވެ. އެކަން ކުރެވެން އޮތީ މި ފަހަރު ވެސް ފުރުސަތު ދީގެން ކަމަށް އަސްލަމް ވިދާޅުވެ އެވެ.