ރޮޒައިނާ އަކީ މާކެޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ކުޅަދާނަ ވާހަަކަދެއްކުންތެރިއެކެވެ. ސިޔާސީ ދާއިރާއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ރޮޒައިނާ އުޅުއްވީ ތައުލީމީ ދާއިރާގަ އެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގައި ޓީޗަރެއްގެ ވަޒީފާ އާއި ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރެއްވި އެވެ. ރޮޒައިނާ ފާހަގަކުރެވެނީ ކެރިގެން ވާހަކަ ދައްކަވާ، ހައްގުތަކުގެ ދިފާއުގައި ނުކުމެވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގަ އެވެ. އަދި މި ވަގުތު ރާއްޖޭގައި ތިބި ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރެއިން އެއްވެސް އެއް ބޭފުޅަކީ ރޮޒައިނާ އެވެ.
ރޮޒައިނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވި ފުރުސަތެއްގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުން 2008 ގަ އެވެ. އޭރުގެ ރައްޔިތުންގެ މަޖިލިހުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އަށް މެމްބަރަކު ރައްޔިތުންގެ މަޖިލިހުގައި ތިއްބަވަ އެވެ. އެގޮތުން ރޮޒައިނާއަށް އެ ފުރުސަތު ދެއްވި އެވެ. އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ އިންތިހާބުގައި 2009 ވަނަ އަހަރު، ތުލުސްދޫ ދާއިރާއަށް ވާދަކުރައްވައި، މަޖިލިހަށް ވަޑައިގަތެވެ. އަދި މަޖިލިހުގައި އޭރުގެ އިދިކޮޅު ޕާޓީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުން ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި އެވެ.
ރޮޒައިނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އެ ޕާޓީ ފުނޑުވުމާ އެކު އެވެ. އަދި 2014 ގެ އާންމު އިންތިހާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވައި، ޖެހިޖެހިގެން ދެ ވަނަ ދައުރަކަށް މަޖިލިހުން ޖާގަ ހޯއްދެވި އެވެ. ރޮޒައިނާ އަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެވެ.
ރޮޒައިނާ ވަނީ ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިންނާއި އޭގެ ފަހުން ވެސް އިޖުތިމާއީ ގިނަ ހިދުމަތްތަކެެއް ކުރައްވައިފަ އެވެ. އެގޮތުން ކުޑަކުދިންނަށްޓަކައި އޭނާ ތައްޔާރު ކުރެއްވި "ދިވެހި ދަސްކުރަމާ" ސިލްސިލާގެ ފޮތްތަކަކީ ފާހަގަކޮށްލެވޭ ހިދުމަތެކެވެ. އެ ފޮތްތަކަށް ރައީސްގެ އެވޯޑް ވެސް ލިބުނެވެ.
ރޮޒައިނާ އަކީ އިޖުތިމާއީ ހިދުމަތްތަކުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަންހެނުންގެ ހައްގުގައި އަޑު އުފުއްލަވަ އެވެ. އޭނާއަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ އަންހެނުންގެ ޖަމިއްޔާއެއް ކަމަށްވާ ވޮއިސް އޮފް ވޮމެންގެ ކޮންސަލްޓެންޓެކެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް ހުށައެޅުއްވީ ރޮޒައިނާ އެވެ.
އައްޑޫ މީދޫ ދާއިރާގެ މީހުންނަށް ރޮޒައިނާ މިފަހަރު ދެއްވާ މެސެޖަކީ އޭނާ "ހޮވައިފި ނަަމަ ތަފާތު ފެންނާނެ" ކަމެވެ.