އައްޑޫ މީހުންނާއި ރާއްޖޭގެ އެތައް ބަޔަކު އަހްމަދު ރަޝީދު ދަންނަނީ "ޗެކްމާކް އަހްމަދު ރަޝީދު"ގެ ގޮތުގަ އެވެ. އޭނާއަކީ އައްޑުއަށް އުފަން ވިޔަފާރިވެރިއެކެވެ. ކުރިން ރައްޔިތުންގެ މަޖިލިހުގައި އައްޑޫ ގޮނޑި އެތައް އަހަރެއް ވަންދެން ފުރުއްވި ހިޔަލީ މުހައްމަދު ރަޝީދަކީ އަހުމަދުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
އަހުމަދު ސިޔާސީ ދާއިރާއަށް ނުކުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅު ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ސިޔާސީ ޕާޓީތައް އުފެއްދި ދުވަސްވަރުގަ އެވެ. އެގޮތުން އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެން އޭނާ މަސައްކަތް ކުރެއްވި އެވެ. އޭރުއްސުރެ ދެގޮތެއް ނުވެ އެ ޕާޓީގައި އޭނާ ހުންނެވި އެވެ.
ގިނަ ޕާޓީ ބައިވެރިވެގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އިންތިހާބުގައި ވެސް އޭނާ ވާދަކުރެއްވި އެވެ. އެކަމަކު އަމިއްލަ ގޮތުން ނުކުންނަވައިގެން ކާމިޔާބެއް ނުކުރެއްވުނެވެ. މިފަހަރު އޭނާއަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި ވާދަކުރައްވައި، ކާމިޔާބުކުރައްވައިގެންނެވެ.
އަހުމަދު ވަނީ މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވަން ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އާއި ވޮލީގެ ފޯރި އެންމެ ގަދަވި ދުވަސްވަރު އެ ދެ ކުޅިވަރަށް ބައެއް ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި އެވެ. އޭނާއަކީ އޭރު ކުޅިވަރަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. ޚާއްސަކޮށް އެއްބަނޑު އެއްބަފާ ބޭބެ ހިޔަލީ ރަޝީދު، ކްލަބް ވެލެންސިއާ ހިންގެވުމުގައި އިސްކޮށް އުޅުއްވި އިރު އަހުމަދު ވެސް ކުޅިވަރުގެ ތެރެއިން ފެނުނެވެ.
އައްޑޫގައި ބާއްވާ އިޖުތިމާއީ ހަރަކާތްތަކަށް އޭނާ ގެންދަވަނީ އެހީތެރިކަން ވެދެއްވަމުންނެވެ.
އަހްމަދު ވިދާޅުވާ ގޮތުގައި "މުޅި އައްޑުއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގާނޫނީ ގޮތުން މަގު ކޮށުމަކީ" އޭނާގެ ވަރަށް ބޮޑު މަގުސަދެކެވެ. އެގޮތުން އޭނާ ގަބޫލުކުރައްވަނީ އެމްޑީޕީގެ "އެޖެންޑާ 19" ގައި ހުރީ ރާއްޖޭގެ ރައްޔިތުން މިހާ ތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ހެޔޮ ބަދަލްތަކެއް ކަމަށެވެ.