ސ. މީދުއަށް އުފަން މުހައްމަދު ފަރުހާދަކީ އުމުރުން 13 އަހަރުގައި ރަށުން އޭރު ކިޔެވެން އޮތް ވަރަށް ކިޔަވައިގެން އާއިލާއާ އެކު މާލެއަށް ތައުލީމު ހާސިލްކުރައްވަން ވަޑައިގެންނެވި ބޭފުޅެކެވެ. އީޕީއެސްއެސް އިން ސާނަވީ ތައުލީމް ނިންމެވުމަށް ފަހު ފުރަތަމަ ޑިގްރީ ނެންގެވީ އިންޑިއާގެ ހައިދަރުއާބާދުގެ އޮސްމޭނިއާ ޔުނިވާސިޓީން ގަވަމަންޓް އެންޑް ޕޮލިޓިކްސް އާއި ވާލްޑް ހިސްޓްރީންނެވެ. ޕޮލިޓިކަލް ސައިންސް އިން މާސްޓާޒް ނެންގެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީންނެވެ. ފޮރިން މިނިސްޓްރީގައި 1994 ގައި ޚިދުމަތްކުރައްވަން ފެއްޓެވި ގޮތަށް، ސިޔާސީ ދާއިރާއަށް ނުކުންނެވުމުގެ ކުރިން 2013 އާ ހަމައަށް ސަރުކާރުގެ ވަޒީފާގައި ދެމިހުންނެވި އެވެ. އޭރު އޭނާ ހުންނެވީ އެސިސްޓެންޓް ޑިރެކްޓަ، އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގަ އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން 2015 ގައި ފުރުއްވި ފަރުހާދު ސިޔާސީ ދާއިރާ އަށް ވެންނެވީ 2014 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މީދޫ ދާއިރާއަށް ވާދަކުރެއްވުމާ އެކު އެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އިޖްތިމާއީ އަދާލަތު އިންސާފްވެރިކަމާ އެކު ގާއިމްކުރެވި ގައުމުގައި ހަމަޖެހުން ގާއިމްވެ، ދިވެހިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރެއްވުން މުހިންމެވެ. އެގޮތުން ގައުމާއި އިސްލާމްދީނާއި ސަގާފަތް ހިމާޔަތް ކުރުމުގެ އިތުރުން ވިޔަފާރިތައް ކުރިއަރުވައި އޭގެ މަންފާ އެންމެނަށް ލިބިގެންދާނެ ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށް ދެކެވަޑައިގަނެ އެވެ.
އާންމުންނަށް އުފާވެރި ދިރިއުޅުމެއް ފަހިކޮށްދިނުމުގެ ނިޔަތުގައި އިޖްތިމާއީ ކަންކަމުގައި އަންނަނީ ބައިވެރިވަމުންނެވެ. ތަފާތު ފޯރަމްތަކުގައި ބައިވެރިވެ އެކަންކަމަށް ވަކާލާތު ކުރެއްވުމަކީ އޭނާގެ ވަރަށް ބޮޑު އުފަލެކެވެ.
ލާދީނީ ފިކުރުތަކާ ދެކޮޅަށް އިސްލާމްދީން ހިމާޔަތްކުރަން މަސައްކަތްކުރުމަކީ އޭނާގެ އެއް މެސެޖެވެ. ގައުމުގެ މިނިވަންކަން ދިފާއުކުރުމުގެ އަޒުމު އޭނާގެ ބޮޑެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ގުޅިގެން ދާއިރާގެ ތަރައްގީ ޔަގީންކޮށްދޭން ވައުދުވެ އެވެ.