ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Alhan Fahmy

ޕްރޮފައިލް

ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި މަޝްހޫރު އިލްމުވެރިޔާ އަދި ޅެންވެރިޔާ އަބްދުﷲ ފަހުމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) އަށް ކާފަ ވިދާޅުވާ އަލްހާން ފަހުމީ އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސާނަވީ ތައުލީމު ހާސިލުކުރެއްވީ ސައުދީ އަރަބިއްޔާގެ ޖާމިޔާ އިސްލާމިއްޔާއިންނެވެ. އެއަށް ފަހު މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ވެސް ތައުލީމު ހާސިލު ކުރެއްވި އެވެ.

ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަލްހާން ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އެއީ އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ރާއްޖޭގައި ފުރަަތަމަ ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރައްވައިގެން، ސ. ފޭދޫ ދާއިރާ އެވެ.

އަލްހާން ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ސިޔާސީ މަސައްކަތުގެ ފެށުމަކީ ސައުދީގައި ކިޔަވަން ހުންނެވި އިރު އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ފާޑުކިއުމަށް "ދި ޕޮލިޓިކްސް" ގެ ނަމުގައި ހިންގި އޮންލައިން ނޫހާ ހިސާބުންނެވެ. އޭރު ސައުދީގައި ތިބި ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް އެ ހަރަކާތުގައި ބައިވެރިވި އެވެ.

ނަމަވެސް އޭގެ ފަހުން ވަޑައިގެން ގުޅިވަޑައިގެންނެވީ ރައީސް މައުމޫނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާ އެވެ.

ޑިއާރުޕީގެ ޓކެޓްގައި 2008 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާގެ ގޮނޑި އަލްހާން ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް ދައުރު ނުނިމެނީސް އެޕާޓީން އޭނާ ވަކިކުރީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޑީއާރުޕީން މަޖިލީހަށް ވައްދައި، އެކަމުގައި ނެރުނު ތުރީ ލައިން ވިޕާ ހިލާފަށް ވޯޓް ދެއްވުމުންނެވެ. އޭގެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. މި ފަހުން އޭނާ ޕީޕީއެމަށް ސޮއިކުރައްވައި، އަދި އިންތިހާބަށް ކުރިމަތިލެއްވުމުގެ ކުރިން ޖުމްހޫރީ ޕާޓީއަށް ވެންނެވި އެވެ.

އަލްހާނަށް ބަޔަކު ވަޅިން ދިން ހަމަލާއަކާ ގުޅިގެން އޭނާގެ ހާލަތު ވަރަށް ގޯސްވި އެވެ. އެ ހަމަލާއިން ސަލާމަތްވެވަޑައިގަސް ހިންގާ އުޅުއްވުމުގައި އަދިވެސް އުނދަގޫތަކެއް ހުރެ އެވެ.

އިޖުތިމާއީ ހިދުމަތެއްގެ ގޮތުން އަލްހާން މިހާރު ވެސް ޒުވާނުންނާ ގުޅޭ ތަފާތު ކަންކަން ކުރައްވަ އެވެ. ފުޓްބޯޅައިގެ ކަންކަމުގައި ޚާއްސަ ގޮތެއްގައި އުޅުއްވަ އެވެ. ފުރަަތަމަ ޑިވިޝަންގެ ފުޓްބޯޅަ ޓީމެއް ކަމަށްވާ ޓީސީ ހިންގުމުގައި މިހާރު އުޅުއްވަ އެވެ. އޭގެ އިތުރުން އޭނާ އަންނަނީ ރާއްޖޭގައި ޗެސް ކުރިއަރުވަން ވެސް މަސައްކަތް ކުރައްވަމުންނެވެ.

ފަރުދީ ގޮތުން ދާއިރާއަށް ކޮށްދެއްވާނެ އެއްވެސް ކަމެއް ނެތެވެ. އެކަމަކު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ދާއިރާގެ ހައްގުގައި އަދި މުޅި ރާއްޖޭގެ ހައްގުގައި އަޑު އުފުއްލަވާނެ އެވެ. ޕާޓީގެ ނިންމުން ގައުމީ މަސްލަހަތާ ތައާރުޒުވާ ނަމަ ޕާޓީއާ ދެކޮޅަށް ވޯޓް ދެއްވާނެ އެވެ.

Featured Candidates