މާލޭ އިލެކްޓްރިސިޓީ ބޯޑުން 1989 ގައި ސަރުކާރުގެ ވަޒީފާ ފެއްޓެވި އަބްދުއްސައްތާރު މުހައްމަދު ނުވަތަ ސަޓޯ ވަނީ ސަރުކާރުގައި 25 އަހަރު ޚިދުމަތް ކުރައްވައިފަ އެވެ. މިދިޔަ އަހަރު ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވި އިރު އޭނާ ހުންނެވީ ހައުސިން މިނިސްޓްރީގެ އެސިސްޓެންޑް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ، އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މިފްކޯ ފަދަ ތަންތަނުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި 1999 ވަނަ އަހަރުން ފެށިގެން ހަތް އަހަރު ވަންދެން މިލަދޫގެ ކަތީބުކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ. މިލަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަގާމު 2012 އިން ފެށިގެން ގެންދެވީ އަދާކުރައްވަމުންނެވެ.
އަބްދުއްސައްތާރު ވަނީ މެނޭޖްމަންޓުގެ ދާއިރާ އިން 2013 ގައި ޑިޕްލޮމާ އަދި 2015 ގައި ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުފެދިގެން އައި އިރު ނ. މިލަދޫގައި އެންމެ ހަރަކާތްތެރި ބޭފުޅަކީ އަބްދުއްސައްތާރެވެ. ކެމްޕޭނުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި 2011 ވަނަ އަހަރުގެ މިލަދޫގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޑީއާރުޕީ އަށް މެޖޯރިޓީ ލިބުނެވެ. މިދިޔަ އަހަރު އަބްދުއްސައްތާރު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވެސް ސިޔާސީ މަސައްކަތް ކުރައްވައިފަ އެވެ. ޖުމްހޫރީ ޕާޓީ ގުޅިވަޑައިގަތީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
އަބްދުއްސައްތާރަކީ މިލަދޫގެ އިޖްތިމާއީ ހުރިހާ ހަރާކަތެއްގައި ވެސް އުޅުއްވި ބޭފުޅެކެވެ. ޚާއްސަކޮށް ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ބޭއްވި ފުޓުބޯޅަ މުބާރާތްތަކުގައި މިލަދޫ ޓީމު މެނޭޖްކުރުމުގައި އޭނާ ވަނީ އިސްކޮށް އުޅުއްވައިފަ އެވެ.
އޭނާ އަކީ "ވަކި ކުލައަކަށް ބަލާ މީހެއް ނޫން" ކަމާއި "އުސޫލްތަކަށް ތަބާވާ މީހެއް" ކަމަށެވެ.
"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑު މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް،" އަބްދުއްސައްތާރު ވިދާޅުވި އެވެ.