ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަބްދުﷲ ސަނީފުގެ ތައުލީމީ ހަޔާތް ގދ. ތިނަދޫން ފެއްޓެވި ނަމަވެސް ރަށު ސްކޫލުން ގްރޭޑް ފަހަކާ ހަމައަށް ކިޔަވާ ވިދާޅުވުމަށް ފަހު ދެން ބަދަލުވެވަޑައިގަތީ މާލެ އަށެވެ. އީޕީއެސް ސްކޫލުން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ސަނީފް ވަނީ ކުރީގެ މައިޓުން އިލެކްޓްރިކަލް ސާވިސް އިންޖިނިއަރިން ކޯހެއް ފުރިހަމަ ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ އުޅުއްވީ އާއިލީ ވިޔަފާރީގެ ތެރޭގަ އެވެ. ސަނީފަކީ ކުރީގެ ބޮޑީބިލްޑަރެއް ވެސް މެ އެވެ. އޭނާ ވަނީ 2000 ވަނަ އަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތުގެ ބެންޓަން ވެއިޓް ކެޓަރީން ތިން ވަނަ ހޯއްދަވައިފަ އެވެ.
އެމްޑީޕީގެ ހަރަކާތްތައް ގ. ދުންފުނީގެ ތެރޭން އުފެދިގެން ދިޔަ އިރު ސަނީފަކީ އޭރު ވެސް ފާޓީގެ މެންބަރެކެވެ. އެމްޑީޕީ ސަރުކާރު ފެބްރުއަރީ 7، 2012 ގައި ވެއްޓުނު ފަހުން މާލޭގައި ބޭއްވި މުޒާހަރާތަކުގެ ކުރީ ސަފުގައި އޭނާ ހުންނެވި އެވެ. ސިޔާސީ ހަރަކާތްތައް ވަރުގަދަ ތިނަދޫގައި އެމްޑީޕީން ބޭއްވި ހުރިހާ ހަރަކާތެއްގައި ސަނީފް ބައިވެރިވެވަޑައިގެންނެވި އެވެ. ތިނަދޫގައި ހިންގި އެމްޕީޑީގެ ހުރިހާ ކެމްޕޭންތަކެއްގައި ޓީމުގެ އިސް މެންބަރެއްގެ ގޮތުގައި އުޅުއްވި އެވެ. ސަނީފް ވަނީ ތިނަދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި 2014 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފަ އެވެ.
ތިނަދޫގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމުގައި ސަނީފް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވަ އެވެ. މި ގޮތުން 2011 ވަނަ އަހަރު އޭނާ ވަނީ ތިނަދޫގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސް މީހުންގެ ދަފްތަރެއް އެކުލަވާލައްވައިފަ އެވެ. އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންނާ ގުޅިގެން ސަނީފް މަސައްކަތް ކުރެއްވި އެވެ. ތިނަދޫ ދެކުނު ދާއިރާ އަށް ނިސްބަތްވާ ހޯބަހަކުން ފުޓުބޯޅަ ޓީމު ހިންގެވުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ.
ސަނީފް ވިދާޅުވަނީ މަކަރު ހެދުމާއި އޮޅުވާލުމުގެ ސިފަ އޭނާގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. އަދި އިދިކޮޅު މީހުންނާ ވެސް ގުޅިގެން ތިނަދޫގެ ތަރައްގީ އަށް މަސައްކަތް އޭނާއަށް ކުރެއްވޭނެ ކަން ވާނީ ސާބިތުކޮށްދެއްވާފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ތިނަދޫގެ ރައްޔިތުން ބޭނުން ވަނީ ވަޒީފާގެ ފުރުސަތާއި ގެދޮރު ލިބި، ގެދޮރު ހެދޭނެ ގޮތްވުމާއި ސިއްހީ ޚިދުމަތް ތަރައްގީވެ ތައުލީމީ ހާލަތު ރަނގަޅުވުމަށް. މިކަން ކަމަށް އަޅުގަނޑު ވަކާލާތު ކުރާނަން،" ސަނީފް ވިދާޅުވި އެވެ.