ކ. މާފުށީ ސީސަންގޭ އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ އަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ފުންނާބު އުސް އެއް ދީނީ އިލްމުވެރިޔާ އެވެ. މިސްރުގެ އަލް އަޒްހަރުން ޝަރީއާ އިސްލާމިއްޔާ އިން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން އިސްލާމިކް ރިވީޑް ނޮލެޖް (ގުރުއާން އެންޑް ސުންނާ) އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައި އޭނާ މިހާރު ގެންދަވަނީ އެ ދާއިރާއިން ޕީއެޗްޑީ އަށް ދިރާސާކުރައްވަމުންނެވެ.
ދިވެހިރާއްޖޭގެ ފިގުހު އެކެޑެމީގެ މެމްބަރުކަން ކުރައްވާފައިވާ ސާމިޔާގެ ހިދުމަތް އެންމެ ބޮޑަށް ލިބިފައިވަނީ އިސްލާމީ ތައުލީމުގެ ދާއިރާ އަށެވެ. އެގޮތުން އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ވަނީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ، އިސްލާމީ ޔުނިވާސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވައިފަ އެވެ. އަދި އިސްލާމީ ޔުނިވަސިޓީ ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސާމިޔާ ވަނީ ރާއްޖޭގެ ތަރައްގީއަށް ލާބަ އާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްފައިވާ ކަނބަލުންގެ ތެރެއިން "އިޖްތިމާޢީ ދާއިރާ" އިން 2017 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހާސިލްކުރައްވައިފަ އެވެ. އަދި ވިމެން އޮން ބޯޑްގެ ފަރާތުން، އިސްލާމިކް ފައިނޭންސް ރިކޮގްނިޝަން އެވޯޑް ވެސް މިދިޔަ އަހަރު ހާސިލްކުރެއްވި އެވެ.
ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިނުވި ނަމަވެސް ގައުމުގެ ބައެއް ސިޔާސަތުތައް އެކުލަވާލުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރި ބައެއް މަސައްކަތްތަކުގައި ސާމިޔާ ބައިވެރިވެވަޑައިގަތެވެ. އެގޮތުން 2016 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ދިރާސާކުރި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ މެދު ފިގުހު އެކަޑަމީގެ މެމްބަރެއްގެ ހައިސިއްޔަތުން ލަފާދެއްވި އެވެ. އަދި ހަމަ އެ އަހަރު މަޖިލީހުން ދިރާސާކުރި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ބިލަށް ވެސް ލަފާދެއްވި އެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ ބިލް އިސްލާހުކުރުމުގައި ދީނީ އިލްމުވެރިންނަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުންތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ރައްޔިތުންގެ މަޖުލީހަށް ދީނީ ގޮތުން ލަފާއެރުވުމުގައި އުޅުއްވި އެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން 2015 ވަނަ އަހަރު އެކުލަވައިލި ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ހެދުމުގެ އަމަލީ މަސައްކަތުގައި، އަންހެނުންނާ ގުޅުން ހުރި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި، ފަރުމާކުރުމާއި، މަޝްވަރާދިނުމާއި، ޕްލޭން އެކުލަވައިލުމުގައި އެހީތެރިކަން ދެއްވި އެވެ.
ސާމިޔާ އަކީ އިޖުތިމާއީ ގޮތުން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދީނީ ނަސޭހަތާއި ވައުޒު ދިނުމުގެ ތަފާތު ޕްރޮގްރާމްތައް މާލެ އާއި ރަށްރަށުގައި ހިންގައި ރޭޑިއޯ އާއި ޓީވީ ޗެނަލްތަކުން، ފޮނުވާ ދީނީ އަދި އިޖްތިމާއީ ތަފާތު ޕްރޮގްރާމްތަކުގައި މިދިޔަ ހަތް އަހަރު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މާފުށީ ޖަލު، މާލެ އާއި ހިންމަފުށީ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު، ކުޑަކުދިންގެ ހިޔާ، އަދި ކުށްކުރާ ކުޑަކުދިންނަށް ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީން ހިންގި ޕްރޮގްރާމްތަކުގައި ކައުންސެލިން ދެއްވި އެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދީނީ ގޮތުން ހޭލުންތެރިކުރުމާއި، އެފަދަ ފަރާތްތަކަށް ހިންގާ އިޖްތިމާއީ ކަންކަމުގައި އަމަލީ ގޮތުން އުޅުއްވަ އެވެ.
"އަޅުގަނޑު ދެމިހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި. ފައިސާއަކަށް ނުވިކޭނަން. ޕާޓީއަކަށް ނުދާނަން،" ސާމިޔާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ހައްގުގައި ސަރުކާރަށް އެއްބާރުން ދޭނަން. ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކުރުވާނަން. ލޯތްބާ އެކު މި އުޚުތަށް ވޯޓެއް ދެއްވާ. އަޑުއަހާނަން އިއްވާނަން."