ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ibrahim Hamza Khaleel

ޕްރޮފައިލް

ހައްގުތައް ހޯދައިދިނުމުގެ ކެމްޕެއިންތަކުގައި އިސްކޮށް އުޅެ އެވެ. ސޯޝަލް ވޯކަރެއްގެ ގޮތުން ޖެންޑަ މިނިސްޓްރީގައި ނިކަމެތިންގެ ހިމާޔަތުގައި މަސައްކަތްކުރި އެވެ. ކުޑަކުދިންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިއެއްގެ ގޮތުން އުޅުނެވެ. މުޖުތަމައުގައި ދެރައެއް، ގެއްލުމެއް ލިބިދާނެ ކޮންމެ ބައެއްގެ ހަގުގައި ނަމަވެސް ނުކުންނާނޭކަން ސާބިތުކޮށްދިނެވެ.

އޭނާގެ ނަމަކީ އިބްރާހިމް ހަމްޒާ ހަލީލެވެ. އުމުރަކީ 33 އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި، ގަލޮޅު އުތުރު ދާއިރާއަށް ހަމްޒާ ކުރިމަތިލަނީ ހަމައެކަނި ސިޔާސީ ދާއިރާ އިން ފުރުސަތެއް ހޯދުމުގެ ނިޔަތުގައި އެކަންޏެއް ނޫނެވެ. އެއަށް ވުރެ އޭނާގެ ވިސްނުމާއި ޚިޔާލު ފުޅަ އެވެ. އޭނާ ނިސްބަތްވާ ދާއިރާއަށް ކޮށްދެވޭނެ އަދި މުޅި ގައުމުގެ ހައްގުގައި އަޑުއުފުލޭނެ ކިތައްމެ ކަމެއް ފެނިގެންނެވެ. އެހެންކަމުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގެ ޖާގަ، ސިޔާސީ އެހެން އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ލިބޭނީ އެ މަގުން ހިނގައިގެން ކަމަށް ގަބޫލުކުރެވިގެންނެވެ.

ތައުލީމް

ހަމްޒާ އަކީ ތައުލީމީ ޒުވާނެކެވެ. އޭނާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންގެ ގާނޫނީ ކޯސް ފުރިހަމކޮށް، ފުރަތަމަ ޑިގްރީ ހާސިލްކޮށްފައެވެ. އެ ކޯހުގައި އޭނާ މެލޭޝިއާ އާއި ސިންގަޕޫރު އަދި ސްރީ ލަންކާގައި ތިން އަހަރު ހޭދަކުރިއެވެ.

ގާނޫނީ ވަކީލުކަމުގެ ކޯހަށް ފަހު ރާއްޖެ އައިސް އެ ދާއިރާ އިން މަސައްކަތްކުރަން ފެށީ 2016 ގަ އެވެ. އޭނާ ދަނީ ބައެއް މައްސަލަތަކުގައި ހިލޭސާބަހަށް ވެސް ގާނޫނީ ލަފާ ދެމުންނެވެ.

ހަމްޒާ މިހާތަނަށް ސިޔާސީ އެއްވެސް މަގާމެއް ރަސްމީކޮށް ފުރާފައެއްނުވެ އެވެ. އެކަމަކު ސިޔާސީ ދާއިރާ އިން މިހާރު ފެންނަ ވަރަށް މަދު މީހަކަށް ނޫނީ ނުކުރެވޭނެ، ކޮށްފައިނުވާ އެތައް ކަމެއް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ. އެގޮތުން ހަމްޒާގެ މާޒީން ފެންނާނެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، އާ ގާނޫނުއަސާސީ ހަދަމުން ދިޔަ އިރު، 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދޭން އޭރު ހިންގި ކެމްޕޭނެވެ.

"އޭރު ވޯޓަކީ ހައްގެއް ކަމަށް ގިނަ ބަޔަކު ގަބޫލެއްނުކުރޭ. އެކަމަކު އެސްއޯއެސް ކިޔާ ޖަމިއްޔާ ހަދައިގެން ނުކުމެ ޒުވާނުންނަށް އަމާޒުކޮށް ކަންކަން ކުރެވުނު. ކަންކަމާ މެދު ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން ކަމަށް ވިސްނައިދިނިން،" ޒުވާން ގްރޫޕަކާ އެކު ފެށި މަސައްކަތް، ހަމްޒާ ކިޔައިދިނެވެ.

ސްޓްރެންތު އޮފް ސޮސައިޓީ (އެސްއޯއެސް) ގެ ސަބަބުން އޭރުގެ ސިޔާސީ މީހުންނަށް ވެސް ބޮޑު ޕްރެޝަރެއް ކުރިމަތިވި އެވެ. ހާއްސަކޮށް އޭރު ރާއްޖޭގައި ވޯޓު ލަމުން އައި އުމުރު ކަމަށް ވާ 21 އަހަރުން މަތީގެ ބަދަލުގައި 18 އަހަރަށް ދަށް ކުރަން ހިންގި ކެމްޕޭނާއި އުފުލި އަޑަކީ މިއަދުގެ ޒުވާނުން ފަޚުރުވެރިވުން ހައްގު މަސައްކަތެކެވެ. ހަމްޒާ ގަބޫލުކުރާ ގޮތުގައި އޭރުގެ ހާއްސަ މަޖިލިހަށް ޕްރެޝަރު ބޮޑުކޮށްގެން އެކަން ހާސިލްކުރެވުނީ އެސްއޯއެސް އާއި ޒުވާން އެހެން ގްރޫޕްތަކާއި އެމްޑީޕީގެ ބުރަ މަސައްކަތުންނެވެ.

ހަމްޒާ ސްކޫލް ނިންމާފައި ޖެންޑާ މިނިސްޓްރީއަށް ވަދެގެން، ކަޑަކުދިންގެ ހައްގުގައި މަސައްކަތް ފެށީ ވެސް، މުޖުތަމައުގައި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ހިމާޔަތުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުރުމުންނެވެ. އެސްއޯއެސް އުފައްދައިގެން، ޒުވާނުންނާ އެކު އެކި ކަންކަމަށް އަޑުއުފުލީ ވެސް އެ މަސައްކަތުގަ އެވެ. އެހެންކަމުން ސިޔާސީ ދާއިރާގައި ކުރަން ހުރި ކަންކަމާއި ނުކުރެވި ހުރި ކަންކަން އޭނާއަށް ރަނގަޅަށް އެނގެ އެވެ.

ގަލޮޅު އުތުރު ދާއިރާއަކީ ހަމްޒާގެ އުފަން ސަރަހައްދެވެ. އޭނާ އުޅެބޮޑުވި ހިސާބުގަނޑެވެ. ގ. އުތުރުގެ އަކީ އޭނާގެ ބައްޕަ ފަރާތު އާއިލާ އަށް ނިސްބަތްވާ ގެ އެވެ.

ހަމްޒާ ބުނާ ގޮތުގައި އޭނާއަށް ފެނުނީ ރައްޔިތުންގެ މަޖިލިހަށް މީހަކު ހޮވުމާ އެކު ގިނަ ފަހަރަށް ރައްޔިތުންނާ ދުރަށް ދާ ތަނެވެ. އެކަމަކު ވަކި ބަޔަކު ތަމްސީލްކުރަން މަޖިލިހަށް ވަނުމަށް ފަހު ދެން އޮންނާނީ އެ މީހުންނާ ކައިރިން މަސައްކަތްކުރުން ކަމަށް، އޭނާ ކިޔައިދިނެވެ.

"ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކާނީ ރައްޔިތުންގެ ހާދިމުންނޭ ކިޔައިގެން، އެގޮތުގައި ތިބެން. އެކަމަކު ދެން ފެންނަނީ ވަކި ދަރަޖައެއްގެ އެލީޓް ބައެއްގެ ގޮތުގައި،" ހަމްޒާ ބުންޏެވެ.

"އަސްލު ކުރަން ޖެހޭ ކަމަކީ ދާއިރާގެ މީހުންނާ ވާހަކަ ދައްކައިގެން މަޖިލިހުގައި މަސައްކަތްކުރުން. އެކަމެއް ނުކުރެވޭ ދައުރު ނިމޭ އިރު ވެސް."

އެކަމަކު ހަމްޒާ ވަނީ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ދޫކޮށްނުލާނެ ކަމަށް ވައުދުވެފަ އެވެ. އެހެން ކެންޑިޑޭޓުން ކެމްޕޭނަށް ޖަގަހަތައް ހަދަމުން ދާއިރު، ހަމްޒާގެ ކެމްޕޭންގައި ހުޅުވީ "އަހަރެމެންގެ އޮފީސް" އެވެ. އަދި ހަމްޒާ ބުނި ގޮތުގައި މަޖިލީހަށް ހޮވުމަށް ފަހު ވެސް އެ އޮފީސް ކުރިއަށް ދާނެ އެވެ.

"ދާއިރާގެ ރައްޔިތުންނަށް އޮފީހަށް ގޮސް، ދިމާވާ މައްސަލަތައް ހިއްސާކުރެވޭނެ. އެކަން ކަމުގައި އެހީވާނަން. މުޅި ދާއިރާއަށް މަސައްކަތްކުރާ ތަނެއް އެއީ،" ހަމްޒާ ބުންޏެވެ.

"އަހަރުމެންގެ އޮފީސް އެހެން ކެމްޕޭން ޖަގަހަތަކާ ތަފާތުވަނީ، އަހަރުމެންގެ އޮފީސް ހެދުމުގެ މަޤުސަދަކީ ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، ދާއިރާގެ ވަކިވަކި ރައްޔިތުންނަށާއި ދާއިރާއަށް ދިމާވާ އެކިއެކި ދަތިތަކާ އުނދަގޫތައް ހައްލުކުރުމުގައި އެންމެންގެ ބައިވެރިވުމާ އެކު ހައްލު ހޯދުމަށް މަސައްކަތްކުރެވޭނެ، އެންމެންނަށް ހުޅުވާލެވިފައިވާ ޖާގައެއް ހެދުން .އަދި މަޖިލީހަށް ހޮވޭ މީހަކާ ބައްދަލު ކުރެވޭނޭ ގޮތެއް ހޯދައިދިނުން."

ގަލޮޅު އުތުރު ދާއިރާގެ އެންމެހާ ރައްޔިތުންނަކީ، ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށް ކަންކަމުގައި ބަރޯސާނުވެ، ދާއިރާގެ މީހުން އެކަކު އަނެކަކުގެ ކަންކަމުގައި އެހީވެދީ، އެކުވެރިކަމުގެ ރޫހުގައި ބަދަހިކަމާއި ހިތްހަމަޖެހުމާ އެކު އެޅެވޭނެ ބަޔަކަށް ހެދުމަކީ ހަމްޒާ ހަލީލުގެ ފިކުރުގެ ވަރަށް މުހިންމު ބަޔެކެވެ.

ހަމްޒާ ދޭ ޔަގީންކަމަކީ، އޭނާ އިންތިހާބުވާ ފަސް އަހަރުގެ މުއްދަތުގައި އެއްވެސް ޕާޓީއަކާ ނުގުޅޭނޭކަމުގެ ޔަގީންކަމެވެ. އެގޮތަށް އޭނާ ހުންނާނޭ ސަބަބު ވެސް ވަރަށް ސާފެވެ؛ ޕާޓީތަކުގެ އަމިއްލަ މަސްލަހަތު ބޮޑުވުމެވެ.

ހަމްޒާ ބުނާ ގޮތުގައި އިންތިހާބުގެ ތެރޭގައި ޕާޓީތަކުން ދައްކާ ވާހަކަ ރަނގަޅެވެ. ކުރާ ވައުދުތައް ވެސް ރަނގަޅެވެ. އެކަމަކު އިންތިހާބު ކާމިޔާބުކުރުމަށް ފަހު ދެން ހިނގަނީ ހަމައެކަނި "މަތީ ފަންތީގެ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން"ގެ ނުފޫޒު ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ސިޔާސީ ޕާޓީތައް އޮންނަން ޖެހޭނެ. އެކަމަކު ޕާޓީތައް ވިޔަފާރިވެރިންގެ އަތްދަށަށް ވަންނަނީ. ދެން ސިޔާސީ މީހުންނަކީ ވަކި އާއިލާތަކެއްގެ މީހުންނަށް ވެފައި އޮންނަނީ،" ހަމްޒާ ބުންޏެވެ.

އޭނާ ބޭނުންވަނީ އުނދަގޫ މަރުހަލާތައް ކަނޑައްތުކޮށްގެން، ރައްޔިތުންނާއެކީ ހުރެގެން، މަޖިލިހުގައި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް ހިދުމަތްކޮށް ދޭށެވެ. އަދި އެކަމުގައި އޭނާ ހުންނާނީ، ހަމްޒާ ޔަގީންކުރި ގޮތުގައި، އަބަދުވެސް ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ރައްޔިތުން ބޭނުންވާ ބަދަލު ހޯދައިދިނުމަށް މަސައްކަތްކުރުމުގަ އެވެ. އެއީ، އޭނާ ބުނާ ގޮތުން "އަހަރަމެން ބޭނުންވާ ބަދަލު ގެނެވޭނީ އަހަރަމެންނަށް" ކަމަށް ވާތީ އެވެ.

Featured Candidates

އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

16 23.03.2019

ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

10 23.03.2019

"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް

65 22.03.2019

މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް

102 22.03.2019

ހަދިޔާގެ ނަމުގައި ވިއަސް ރިޝްވަތު ހަރާމް ވާނެ

2 22.03.2019

ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

47 22.03.2019

ބޭނުންވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ: ރައީސް

53 21.03.2019

އިންތިހާބީ ޝަކުވާގެ ގަވައިދަށް އަމަލުކުރަން ފަށައިފި

0 21.03.2019