ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

Ahmed Usham

Vilimale Dhaairaa Male' City

ޕްރޮފައިލް

އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ލިބޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ހަވާލުކުރުމުން އެ އެއްބަސްވުން ބާތިލް ކުރުމަށް ދިވެހިން ވި ގުރުބާނީ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވާނެ އެވެ. ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންގެ މާލިއްޔަތުން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ބަދަލުގެ ގޮތުގައި ހޯދުމަށް ޖީއެމްއާރުން ބޭނުންވި ނަމަވެސް އެ އަދަދު އެތައް ގުނަ އަކަށް ދަށްވީ އޭނާގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެންނެވެ. އެއީ އެ ޓީމުގެ އެންމެ އިސް އެއް މެމްބަރެވެ. ނުވަތަ މި ފަހަރުގެ އާންމު އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު އުޝާމެވެ.

މިދިޔަ ޖެނުއަރީ މަހާ ހަމައަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލަކަށް ހުންނެވި އުޝާމް ވަނީ ދިވެހި ދައުލަތް ދިފާއުކޮށް، ސިންގަޕޫރުގެ އާބިޓްރޭޝަންގެ މަރުހަލާގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. ގާތްގަނޑަކަށް ހަތަރު އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން 2016 ވަނަ އަހަރު ފަހުކޮޅު އައިއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ޖީއެމްއާރަށް ދައްކަން ޖެހުނީ 208 މިލިއަން ޑޮލަރު (3.2 ބިލިއަން ރުފިޔާ) އެވެ. އެއް ބިލިއަން ޑޮލަރުގެ ކްލެއިމް 208 މިލިއަން ޑޮލަރަށް ދަށް ވުމަކީ އެފަދަ ބޮޑު ކުންފުންޏަކާ ދެކޮޅަށް އިސްވެ މަސައްކަތް ކުރައްވައި ހޯއްދެވި ބޮޑު ކާމިޔާބީ އަކަށް ނޫނީ ނުވާނެ އެވެ. ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދައި ދީ، އަދި އެކަމުގެ މާލީ ބުރަ ކުޑަކުރުމަށް އިންޓަނޭޝަނަލް އާބިޓްރޭޝަންގައި ކާމިޔާބީއެއް ހޯދުމަކީ މިފަދަ ބޮޑު މައްސަލައެއްގައި ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު، އުޝާމް ވަނީ އެ މައްސަލަ ފެށުނީއްސުރެ ނިމެންދެން ބައްލަވައި ދިވެހިން ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ނެރުމުގައި އުނދަގޫ މަރުހަލާތަކެއް ގިރާ ކުރައްވައިފަ އެވެ.

ޖީއެމްއާރުގެ މައްސަލައިގެ ޝަރުއީ މަރުހަލާ ފެށިގެން ނިމެންދެން އެންމެ އިސްކޮށް އޭގެ ތެރޭގައި އުޅުއްވި އެއް ބޭފުޅަކީ ވެސް އުޝާމެވެ.

"މުޅި ކޭސް ނިމެންދެން މަސައްކަތް ކުރެވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަބަދުވެސް އިނގޭ ދިވެހި ދައުލަތުން ބަދަލު ދޭންޖެހޭނެކަން. އެކަމަކު ޖީއެމްއާރުން ކްލެއިމްކުރާ އަދަދު ދަށް ކުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރީ. އެނގޭ ގޮންޖެހުންތައް ވެސް ހުންނާނެކަން. އެ ހުރިހާ ކަމެއްގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ސަލާމަތް ކުރެވުމަކީ ރާއްޖެ އަށް އަޅުގަނޑަށް ކޮށްދެވުނު ބޮޑު ކަމެއް،" އުޝާމް ވިދާޅުވި އެވެ.

މި ނޫން ވެސް ކިތަންމެ މައްސަތަކެއްގައި އުޝާމް ވަނީ ދިވެހި ދައުލަތް ދިފާއު ކުރައްވައި ކާމިޔާބު ހޯއްދަވައިފަ އެވެ. ބޮޑެތި ގޮންޖެހުންތަކާ އެކި ދައުރުތަކުގައި ކުރިމަތިލައްވައި ދައުލަތުގެ ދިފާއުގައި އިސް ދައުރެއް ކުޅުއްވި އެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައެއް އަދާކުރެއްވީ ވެސް ދައުލަތް ދިފާއު ކުރެއްވުމުގަ އެވެ.

މަޖީދިއްޔާ ސްކޫލުން އޯލެވެލް ނިންމުމަށް ފަހު، އުޝާމް ފުރަތަމަ ވަޒީފާ އަދާކުރެއްވީ އޭރުގެ އެއާ މޯލްޑިވްސްގަ އެވެ. އޭގެ ފަހުން ދިރާގުގަ އެވެ. އެކަމަކު ވަކި ހިސާބަކުން ރާއްޖެ އިން ބޭރުން މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ވަޑައިގެން ރައީސް އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. ނަމަވެސް، ރައީސް އޮފީހުގައި ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތަކާ ގުޅިގެން ގާނޫނީ ދާއިރާ އަށް ޝައުގުވެރިވެވަޑައިގަތެވެ. ގާނޫނީ ވަކީލަކަށް ވެވަޑައިގަތުމަށް ބޭނުންވި އެވެ.

އެހެންވެ އިނގިރޭސި ވިލާތާއި މެލޭޝިއާގައި ގާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވުމަށް ފަހު ބަންޑާރަ ނައިބުގެ އޮފީހާ ގުޅިވަޑައިގަތެވެ. ފުރަތަމަ ވަޒީފާ އަކީ ޑެޕިއުޓީ ސްޓޭޓް އެޓާނީ އެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު (2011) ގައި ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި އެވެ. އޭނާ އެންމެ ފަހުން ހުންނެވި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޮގަސްޓް 2013 ގަ އެވެ. އެހެންވެ، އޭނާ ވަނީ ވަހީދުގެ ވެރިކަމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދެ މަހެއްހާ ދުވަހު ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރައްވައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.

އުޝާމް، ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރައްވަން ފެއްޓެވި ދުވަސްވަރަކީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ ވުޖޫދަށް އައިސް އޭގައި ހިމެނޭ ކަންކަމަށް އަމަލު ކުރަން ފެށި ވަގުތެވެ. އެހެންވެ، ދައުލަތުގެ ފަރާތުން ގާނޫނީ ގޮތުން ކުރަން ޖެހުނު ވަރަށް ގިނަ ކަންތައްތަކުގައި އުޝާމް އިސްކޮށް އުޅުއްވި އެވެ. ގާނޫނީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހާ ހަމައަށް ވެސް އޭނާ ކުރެއްވި ކަމަކީ އެކިއެކި މައްސަލަތަކުގައި ދައުލަތް ދިފާއު ކޮށްދިނުމެވެ. ދައުލަތުގެ ފަރާތުން ކަންކަމަށް ގާނޫނީ ލަފާ ދެއްވުމެވެ.

"ކަން ދިމާވި ގޮތުން އަޅުގަނޑު ފަށައިގަތް އިރު އޭރުގެ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތީ. އެއާ ގުޅިގެން އުފެދުނު ތަފާތު ކަންކަން ވަރަށް ބޮޑު ޗެލެންޖަކަށް ވި. ވަރަށް ގިނަ ދުސްތޫރީ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ދާން ޖެހުނު. އެއީ ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ކަހަލަ ގޮތަކަށް ޗެލެންޖު ކުރަމުން އައި ދުވަސްވަރެއް. އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގައި ދައުލަތުގެ ފަރާތުން އަޅުގަނޑަށް ކޯޓުތަކަށް ދެވިފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

އެއީ އުޝާމް މި ހިސާބަށް ވަޑައިގަތުމުގައި ލިބިވަޑައިގެންނެވި ބޮޑެތި ތަޖުރިބާ ތަކެކެވެ. ޚާއްސަކޮށް ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުންތަކެއް ބަންޑާރަ ނައިބުކަން މިދިޔަ 10 އަހަރު ކުރެއްވިއިރު، އެ ބޭފުޅުންނާ އެކު ގާތުން މަސައްކަތް ކުރެއްވުމަކީ ދާއިރާ އަށް ހޭނިވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފަހި ފުރުސަތެކެވެ.

އުޝާމް ވަނީ ހުސްނުއްސުއޫދާއި އަހުމަދު އަލީ ސަވާދާއި އަބްދުﷲ މުއިއްޒާއި އައިޝަތު އާޒިމާ ޝަކޫރާއި އާއިޝަތު ބިޝާމާއި މުހައްމަދު އަނިލް އަދި މިހާރުގެ ބަންޑާރަ ނައިބާ އެކު އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވައިފަ އެވެ. އަދި އާޒިމާގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން ވަގުތީ ގޮތުން ބަންޑާރަ ނައިބުގެ އޮފީސް ދުވަސްކޮޅަކަށް ހިންގެވީ ވެސް އުޝާމެވެ.

ރައްޔިތުންގެ މަޖިލިހަކީ ގާނޫނީ މަސައްކަތްތަކެއް ކުރަންޖެހޭ ތަނެއް ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް ރާއްޖޭގެ ކޮންޓެކްސްޓަށް ބަލައިފި ނަމަ އެ އަށް ވުރެ ބޮޑު ސިޔާސީ ފެންޑާއެއް ނެތެވެ. ގާނޫނު ހެދުމާއި ތަފާތު އެހެނިހެން ކަންތައްތަކުގައި އިސްކުރެވެނީ ސިޔާސީ ފައިދާ އެކެވެ. އެކަމަކު، އުޝާމްގެ ވިސްނުން އެއާ ވަރަށް ބޮޑަށް ތަފާތެވެ. އެކަން ބަދަލުވާން ޖެހެ އެވެ. ގާނޫނުތައް ހަދަން ދަންނަ ބަޔަކު މަޖިލިހުގެ އިދާރާގެ ހަތަރު ފާރުން އެތެރެވާން ޖެހެ އެވެ. ޒިންމާދާރުކަމާ އެކު، މަޖިލިހުގައި މަސައްކަތް ކުރެވޭ ފެންވަރުގެ މީހުންނަށް ފުރުސަތު ދޭނެ ޖެހެ އެވެ.

"ރައްޔިތުންގެ މަޖިލިހުން ހަގީގަތުގައި ކުރަންޖެހޭނެ އެންމެ މުހިންމު، އެންމެ ބޮޑު ކަމަކީ ރައްޔިތުންގެ ހައްގުގައި ގާނޫނުތައް ފާސްކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން. އެކަމަކު އެކަން މިދިޔަ 10 އަހަރުގެ ތެރޭގައި ނުކުރެވި އޮތީ ގާބިލް ބަޔަކު ރައްޔިތުން ތަމްސީލް ކުރަން ނެތީމާ. އެކަން ބަދަލުކުރަން އަޅުގަނޑު މި ނުކުތީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ކިބައިގައި އެ ގާބިލްކަން އެބަހުއްޓެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ދިރާސާ ކުރައްވާތާ އެތައް އަހަރެއް ވެއްޖެ އެވެ. ގާނޫނުތަކުން ގެންނަ ބަދަލުތަކާ ގުޅިގެން ސަރުކާރުގެ ހިންގުމަށް އަންނާނެ ލޮޅުމާއި ފައިދާތައް ވެސް އޭނާ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އުމުރުގެ ބޮޑު ބައި އުޝާމް ހޭދަކުރެއްވީ އެކަމުގެ ތެރޭގަ އެވެ. ސިޔާސީ ގޮތުން ދެ ފަރާތުން ތަޅާތެޅުމުގެ އަސަރު ދައުލަތުގެ އެންމެ އެތެރެއިން އޭނާ އަށް ފެނިވަޑައިގަންނަވަ އެވެ.

"ގާނޫނު ނުދަންނަ ބަޔަކު ގާނޫނު ހެދުމުން، އެ ތަސްދީގު ކުރާ ހިސާބަށް އަންނައިރު ވަރަށް ބޮޑެތި ޚަރަދުތައް ދައުލަތުން ބެއާ ކުރަންޖެހޭ ތަން އެބަ އާދޭ. އަދި އެފަދަ ބިލްތައް ތަސްދީގު ކުރުމާ ހިސާބަށް ދާއިރު، ގާނޫނީ ބޮޑެތި ފުށުއެރުންތަކެއް ފާހަގަކުރެވޭ. އެކަން ރަނގަޅު ކުރެވޭނީ ގާނޫނު ހަދަން ދަންނަ ބަޔަކު މަޖިލިހަށް ފޮނުވައިގެން،" ބިލްތައް ތަސްދީގު ކުރުމުގެ ކުރިން ދައުލަތަށް ގާނޫނީ ލަފާ ދެއްވުމުގައި ވެސް އުޅުއްވި އުޝާމް ވިދާޅުވި އެވެ.

އޭގެ އެއް މިސާލު ވެސް އޭނާ ދެއްކެވި އެވެ؛

އެއީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރި އިދިކޮޅު ފަރާތްތަކުން މާލިއްޔަތު ގާނޫނަށް ގެނައި ބޮޑު އިސްލާހެވެ. ނަޝީދުގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލިހުގެ ރުހުމެއް ނެތި އެއްވެސް ލޯނެއް ނުނެގޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރުމުން ސަރުކާރުގެ ހިންގުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ. އެކަމަކު، އޭރުގެ އިދިކޮޅު ފަރާތްތައް ނުވަތަ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެބޭފުޅުން ބޭނުންވި ގޮތަށް ނުވަތަ ކުރިން އޮތް ގޮތަށް ގާނޫނު އިސްލާހު ކުރި އެވެ ޔާމީންގެ ސަރުކާރު ހިންގަން ފަސޭހަ ކުރި ނަމަވެސް ނަޝިދުގެ ސަރުކާރަށް އޭރު ދަތިކުރީ އެވެ. އެކަމަކު، އެ ފަހަރު ވެސް ދައުލަތަށް ޖެހުނީ އެ މައްސަލައިގައި ހައްލު ހޯދަން ސުޕްރީމް ކޯޓަށް ދިއުމަށެވެ.

"މި ހުންނަނީ ސަރުކާރަށް ޖެއްސުން ކުރަން މަޖިލިހުން ކޮށްފައި ހުންނަ ކަންކަން. މިއީ ވަރަށް ދެރަ ކަންތައްތައް. މި ހުންނަނީ ސީދާ ރައްޔިތުންނަށް ގެއްލުން ލިބޭ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވީ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި އުޝާމް ހުންނަވަނިކޮށެވެ. ޔާމީންގެ ސަރުކާރާ އޭރުގެ އިދިކޮޅު މެމްބަރުންތަކެއް މަޖިލިހުގެ ގޮނޑި ގެއްލުވައިލުމުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތާއި ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތާ އެކު، ދައުލަތުން ޖަވާބުދާރީ ވާން ޖެހުނު ވަރަށް ގިނަ ކަންތައްތައް ހުއްޓެވެ. ޚާއްސަކޮށް ގާނޫނީ ގޮތުންނެވެ. އޭރު އެންމެ އިސް ދައުރެއް އަދާކުރަން ޖެހުނު ދައުލަތުގެ އެންމެ މުހިންމު އެއް ތަނަކީ ބަންޑާރަ ނައިބުގެ އޮފީހެވެ. އެކަމަކު އެ ނާޒުކް ވަގުތުގައި ވެސް ކެތްތެރިކަމާ އެކު، އުޝާމް ހުންނެވީ ރައްޔިތުންނަށް އެ ވަގުތު އެ އަށް ވުރެ މުހިންމު ކަންތައްތަކެއް ކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރެއްވޭތީ އެވެ.

މަޖިލިހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ މައްސަލައިގައި ދައުލަތުން އެ މީހުންނާ ދެކޮޅަށް ވަކާލާތު ކުރުމަށް ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް އޭރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އެދިވަޑައިގަތް ދުވަހެއް ވެސް ދިޔަ އެވެ. އެކަމަކު، އެއީ ކޯޓަށް ދާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އުޝާމަށް ގަބޫލު ކުރެއްވޭތީ އަނިލްގެ އެދިވަޑައިގަތުމަށް އިންކާރު ކުރެއްވި އެވެ.

"ސުޕްރީމް ކޯޓުން ހުކުމެއް ހޯދައިގެން އެކަން ކުރެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު [އަނިލް] އަށް ދެންނެވިން އަޅުގަނޑު ގަބޫލު ނުކުރާ ކަމެއްގައި ކޯޓަކަށް ނުދާނަމޭ. އަނިލް ވެސް ވިދާޅުވީ، އަޅުގަނޑު ގަބޫލު ނުކުރާ ކަމެއްގައި ކޯޓަށް ނުދިޔަސް އެންމެ ރަނގަޅޭ،" އުޝާމް ވިދާޅުވި އެވެ.

"އެހެންވީމާ ވަރަށް ގިނައިން ހުންނާނެ އަޅުގަނޑު ގަބޫލު ނުކުރާ ކަންކަން އެޓާނީ ޖެނެރަލްގެ އޮފީހުގައި ހިނގުމުން އެކަމާ ދެކޮޅަށް ބަސް ބުނެފައި. އެފަދަ ކަންކަމުގައި އަޅުގަނޑުގެ ލަފާ ގިނަ ފަހަަރަށް ހުންނަނީ ބަންޑާރަ ނައިބުގެ ވިސްނުމާ ދެކޮޅަށް. ކުއްލި ނުރައްކަލުގެ ހާލަތުގެ މައްސަލައިގައި ވެސް އެގޮތަށް ލަފާ ދީފައި ހުންނާނެ."

އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހަކީ ވަރަށް ފަންނީ މަސައްކަތެއް ކުރާ ތަނެކެވެ. އެތަނުގައި ތިބޭނީ ޒިންމާ އާއި މަސްއޫލިއްޔަތު ވަރަށް ބޮޑު ބައެކެވެ. އެހެންވެ، އިސްތިއުފާ ދެއްވުމަށް ވުރެ ބޮޑަށް އުޝާމް ބެއްލެވީ ނިޒާމުގެ ތެރެއިން ކަންކަން ހައްލު ކުރެއްވުމަށެވެ.

"ވަރަށް ގިނަ ބައެއްގެ އޭރުގެ ޝަކުވާ އަކީ ސިޔާސީ މީހުން ހައްޔަރުކުރުން. އެހެންވީމާ އެކަންތައް އެގޮތަށް ނުވާނެކަން ކަށަވަރު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތު އިސްލާހުކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން. ޖިނާއީ އިޖުރާއަތުގެ ގާނޫނެއް އައީމާ ކުރިން ކަންކަން ކުރި ގޮތަށް އަމަލު ކުރުން ކޮންމެވެސް ވަރަކަށް ހުއްޓުނު. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ފުރިހަމަ އަށް އަމަލުކުރި ނަމަ ކަންކަން ވަރަށް ބޮޑަށް ރަނގަޅުވީސް،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ވިލިމާލޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންގެ ތެރޭގައި އޭނާގެ އާއިލާ ހިމެނޭނެ ކަމަށެވެ. އޭނާ އާއި އާއިލާގެ އެހެން މީހުން ވެސް ވޯޓުލާނީ ވިލިމާލެ ދާއިރާގެ ފޮއްޓަށެވެ. ކުޑައިރު އެއްކޮށް އުޅުނު މީހުންގެ ތެރޭގައި ވިލިމާލޭގެ މީހުން ގިނަ އެވެ. ދާއިރާގެ ރައްޔިތުންގެ އުނދަގޫތައް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ ވެސް އޭނާ އަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދާއިރާއެއްގެ މީހަކު އެ ދާއިރާއެއް ތަމްސީލް ކުރަން ނުކުންނަން ވާނީ. އެހެން ބަލާއިރު އަޅުގަނޑަކީ ވިލިމާލެ ދާއިރާ ހިތުދަސް މީހެއް،" އުޝާމް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިހަށް ހޮވަން ޖެހޭނީ ސިޔާސީ ކަންކަމުގެ އިތުރުން އެ މެމްބަރަކު ތަމްސީލް ކުރައްވާ ދާއިރާ އަށް އިސްކަން ދެއްވޭ މީހުން. އަޅުގަނޑަކީ އޭގެ މީހެއް. މިހާތަނަށް އަދާކުރި ވަޒީފާތަކުގައި ވެސް އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ ސިޔާސީ ނުވެ، ފަންނީ ގޮތުން ކަންކަން އިސްލާހު ކުރަން،" އުޝާމް ވިދާޅުވި އެވެ. ވިލިމާލެ އަށް މިވަގުތު އެންމެ ބޭނުންވާ ކަންކަން އުޝާމް ވަނީ ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި، ސިއްހީ، ތައުލީމީ ދާއިރާ އަށް ކުރިމަތިވެފައިވާ ކަންކަމަށް ބޮޑެތި ހައްލު ތަކެއް ހޯދަންޖެހެ އެވެ. ޚާއްސަކޮށް، ފެރީގެ ނިޒާމު ތަރައްގީކޮށް، ވިލިމާލެ އިން ސީދާ އެއާޕޯޓަށް ފެރީގައި ދެވޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ވިލިމާލޭގައި ކުޑަކުދިންނާއި ޒުވާނުން މުނިފޫހިފިލުވައިދޭނެ ވަސީލަތްތައް ގާއިމްކޮށް، ޒުވާނުންނަށް ވިލިމާލޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ތަނަވަސްކޮށްދޭން ޖެހެ އެވެ.

މަޖިލިހަށް އިންތިޚާބުވެއްޖެ ނަމަ، ދާއިރާގެ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަކީ އުޝާމްގެ އެއް ވައުދެވެ. ރައްޔިތުންގެ ހާލު ބަލައި، އެ މީހުންނަށް ކުރިމަތިވާ ދަތިތައް ބެއްލެވުމުގައި އޭނާ ފަހަތަށް ޖެހިވަޑައިނުގަނަންވަ އެވެ. އެހެންވެ، އުޝާމް ނިންމަވާފައި ވަނީ ދާއިރާގައި އޭނާގެ ދާއިމީ އޮފީހެއް ގާއިމްކޮށް، ހަމަޖެހޭ އުސޫލެއްގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ.

"އެއީ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންނާ ގާތުން އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތް އަޅުގަނޑަށް ފެނުނީ. ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލިހުގައި ގޮތް ނިންމުމުގެ ކުރިން ދާއިރާގެ މީހުންގެ ބަސް އެހުމަކީ ވަރަށް މުހިންމު ކަމެއް. އެކަން ދާއިމީކޮށް އަޅުގަނޑު ކުރިއަށް ގެންދާނަން،" މި ފަހަރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަމާ އެކު އުޝާމް ވިދާޅުވި އެވެ.

Featured Candidates

ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި: އުޝާމް

24 02.03.2019

އުޝާމް ވިލިމާލޭ ދާއިރާއަށް ވާދަކުރައްވަނީ

35 08.02.2019

އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

16 23.03.2019

ވާންވީ ނުވިކޭނެ ކަމުގެ ވައުދު!

10 23.03.2019

"ބޮޑު ކަމަކަށް" ނުކުރަނީ ވައްކަން: ރައީސް

65 22.03.2019

މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް

102 22.03.2019

ހަދިޔާގެ ނަމުގައި ވިއަސް ރިޝްވަތު ހަރާމް ވާނެ

2 22.03.2019

ގާސިމަށް ހަ ގޮނޑި ވެސް ނުނެގޭނެ: ނަޝީދު

47 22.03.2019